ސްލޮވޭކިޔާގެ ޕްރައިމް މިނިސްޓަރު ރޮބާޓް ފިކޯއަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ފިކޯއަށް ބަޑިން ހަމަލާދީފައި ވަނީ ހެންޑްލޯވާ އަވަށުގެ 'ހައުސް އޮފް ކަލްޗާ' ގައި އޮތް ބައްދަލުވުމެއް ނިންމަވާލެއްވުމަށް ފަހު ވަޑައިގެން މަގުމަތީގައެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ފިކޯގެ އިސްތަށިފުޅުގެ އިތުރުން ބަނޑުފުޅަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިވަޑައިގެންފައެވެ. ސްލޮވޭކިޔާގެ މީޑިއާއެއްގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ހާދިސާގައި ތުހުމަތު ކުރެވޭ މީހަކު މިހާރު ވަނީ ހޯދިފައެވެ.
މި ހާދިސާއާ ގުޅިގެން ފިކޯ ހޮސްޕިޓަލަށް ގެންގޮސްފައި ވީ ނަމަވެސް ފިކޯގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ސްލޮވޭކިޔާގެ ރައީސް ޒުޒާނާ ކެޕްޓުވާ ވިދާޅުވީ މި އަމަލަކީ އަނިޔާވެރި އަދި ރަހުމުކުޑަ އަމަލެއް ކަމަށެވެ. އަދި ރައީސް ޒުޒާނާ ވަނީ ފިކޯއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށާއި މި ދަނޑިވަޅުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
ރޮބާޓް ފިކޯ ސޮލްވޭކިޔާގެ ޕްރައިމް މިނިސްޓަރުކަން ކުރައްވާ މިއީ ތިން ވަނަ ފަހަރެވެ.