ރަފަހްގެ ބޯޑަރުތައް އިޒްރޭލުން ވަށާލާ ދެމުންދާ ހަމަލާތައް ރައީސް ޑރ. މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އިޒްރޭލްގެ އަސްކަރީ ބާރުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ ނެތިގެންދާ ތަން ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ނޯންނާނެ ކަމަށާއި މިކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ގާނޫނަށް އަމަލު ކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް މިކަމުގައި ފިޔަވަޅު އަޅަންވީ ވަގުތު މިއީ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވީ 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ދިވެހިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާ އެކު ދެމިތިބޭނެ ކަމަށާއި މިކަމުގައި ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މެއި 10 ވަނަ ދުވަހު އދ ގެ އާންމު މަޖިލީހުން ބޭއްވި 10 ވަނަ ކުއްލި ބައްދަލުވުމުގައި ޔޫއޭއީ އިން ވަނީ "އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް"ގެ ނަމުގައި ގަރާރެއް ހުށަހަޅައިފައެވެ. މި ގަރާރަށް ރާއްޖޭން ކޯސްޕޮންސާ ކޮށްފައިވާއިރު، މި ގަރާރުގެ ދަށުން އދ ގެ އާންމު މަޖިލީހުން ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ދިނުމަށް ވަނީ ފާސްކޮށްފައެވެ. މި ގަރާރަށް ނެގި ވޯޓުގައި 143 ގައުމަކުން ތާއީދުކޮށްފައިވާއިރު، އެ ގަރާރާ ދެކޮޅަށް 9 ގައުމަކުން ވޯޓުދިނެވެ. އަދި 25 ގައުމަކުން ވަކިކޮޅަކަށް ވޯޓެއް ނުދެއެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު އެކްސްގައި ވަނީ އދ ގެ އާންމު މަޖިލީހުގެ ނިންމުމަށް ތައުރީފްކުރައްވާފައެވެ. އެގޮތުން އދ ގެ އާންމު މަޖިލީހުން ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ދިނުމަށް ފާސްކުރުމަކީ އެ ގައުމުން އިންސާފު ހޯދުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ތާރީހީ ކާމިޔާބެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ފަލަސްތީނުގެ ރައްޔިތުން މިނިވަންކަން ހޯދުމަށްޓަކައި ހިތްވަރާއެކު މަސައްކަތްކުރަމުންދާތާ އެތައް ޒަމާނެއް ވެއްޖެ، ދިވެހިރާއްޖެ އާއި ދިވެހީން އެ މީހުންގެ (ފަލަސްތީން ރައްޔިތުންގެ) ވިލުންވެރިކަމާއި ހިތްވަރުން ނަމޫނާ ލިބިގަންނަން
ރައީސް މުއިއްޒު

އދ ގެ އާންމު މަޖިލީހުން މި ގަރާރު ފާސްކުރި ނަމަވެސް، ފަލަސްތީނަށް އދ ގެ ދާއިމީ މެންބަރުކަން ލިބޭނީ އދ ގެ ސަލާމަތީ މަޖިލީހުން އެގޮތަށް ފާސްކުރުމުންނެވެ. އެކަންއުންސިލްގައި އެމެރިކާ ހިމެނޭ އިރު, ފަލަސްތީނަށް ދާއިމީ މެންބަރުކަން ދޭން އެމެރިކާ ދެކޮޅުކަން މީގެ ކުރިން ހާމަ ކޮށްފައިވެއެވެ.

އިޒްރޭލުން ފަލަސްތީނަށް ހަމަލާ ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާގެ ބަދަލުގައެވެ. މި ހަމަލާތަކުގައި ފަލަސްތީނުގެ 34،700 މީހަކު ވަނީ މިހާތަނަށް ޝަހީދު ކޮށްލާފައެވެ.