ގުޅުން ގޯސްވެފައި ވާ އިންޑިއާ އެކު ރާއްޖެއިން އިހު އޮތް ގުޅުންތައް ތަރުތީބު ކުރަމުން ދާއިރު, ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ވެރިރަށް ދިއްލީއަށް ވަޑައިގަތުމާ ގުޅޭ މަޝްވަރާތައް ކުރައްވައިފި ކަމަށް ހާރިޖީ ވަޒީރު މޫސާ ސަމީރު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާލައްވައި މާލެ ވަޑައިގަތުމުގެ ކުރިން އިންޑިއާގެ އޭއެންއައި ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ, ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަންތާ ކައިރީގައި އިންޑިއާ އަށް ވަޑައިގަތުމާ ގުޅޭގޮތުން ދިއްލީ އާ މަޝްވަރާ ކުރެއްވި ކަމަށާއި ނަމަވެސް ވަގުތުގެ ފަސޭހަ ކަމާއެކު އިންޑިއާ އަށް ވުރެ ކުރިން ތުރުކީ އާއި ޗައިނާ އަށް ރައީސް ވަޑައިގަތީ ކަމަށެވެ.
ރައީސް ވަނީ, ތުރުކީ އާއި ޗައިނާގެ އިތުރުން ޔޫއޭއީ އަށް ވެސް ވަޑައިގެންފައެވެ.
ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް މި ވީ 5 މަސް ދުވަހުގެ ތެރޭގައި އިންޑިއާ އާ އެކު އޮތް ގުޅުންތައް ހީނަރުވެގެން ދިޔަ އެއް ސަބަބަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އިންޑިއާ އާ ގުޅުވައި މުއިއްޒުގެ ސަރުކާރުގައި ހިމެނޭ 3 ނައިބު ވަޒީރަކު ކުޑަމީސްކޮށް ވާހަކަ ދެއްކުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލާ މައްސަލަ ރައީސްގެ ރިޔާސީ ވައުދުފުޅަކަށް ހައްދަވައި މަސައްކަތް ފެއްޓެވުމުގެ އިތުރުން މުއިއްޒުގެ ސަރުކާރުން ޗައިނާ އާ ގާތް ގުޅުންތައްކެއް އުފެއްދުމުންނެވެ.
މިއާއެކު ރާއްޖެ ބޮއިކޮޓު ކުރުމަށް އިންޑިއާގައި ވަރުގަދަ ކެމްޕެއިނެއް ފަށާއި, ރާއްޖޭގެ ފަތުރުވެރިކަމަށް ހިޔަނި އެޅުވުމުގެ ގޮތުން އިންޑިއާގެ ޖަޒީރާ ރަށްތަކެއް ކަމަށް ވާ ލަކްޝަދީޕް ޕްރޮމޯޓު ކުރަން ފެށުމުގެ އިތުރުން އިންޑިއާގެ ސިފައިން ބޭލުމަށް ރާއްޖެއިން އެދެމުން ދިޔަ އެދުމަށް އިޖާބަ ދިނުމުގައި "ވަރިހަމަ ކޮށްލި" އެވެ. ނަމަވެސް އިންޑިއާއިން ހޭލީ, ޗައިނާގެ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން 'ރާއްޖެ އަކީ ކުޑަ ގައުމަކަށް ވިޔަސް ބްލީ ކުރުމުގެ ހައްގު އެއްވެސް ބަޔަކަށް ނޯންނާނެ' ކަމަށް ރައީސް ވިދާޅުވެ އިންޑިއާ އަށް އަމާޒު ކުރައްވައި ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވުމާއި ރާއްޖޭގެ އެތެރޭގެ ސިޔާސީ މަސްރަހު އެނބުރެމުން ދިޔަ ގޮތުން ކުރިން އިދިކޮޅުގައި ތިބެ މިހާރުގެ ސަރުކާރު ހިންގާ ފަރާތްތަކުން ޕްރޮމޯޓު ކުރި 'އިންޑިއާ އައުޓް' ކެމްޕެއިނާއެކު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެރިކަން ކުރާ ޕާޓީން ނަގާނެ ކަމަށް ބެލެވުމާއެކުގައެވެ.
އެއާއެކު ނިމިދިޔަ މަޖިލީސް އިންތިހާބުގައި 93 ގޮނޑީގެ ތެރެއިން 76 ގޮނޑި އާއެކު ސުޕާ މެޖޯރިޓީ ސަރުކާރުން ހޯދުމުން, އިންޑިއާ އިން ވަނީ 'ހަތިޔާރު ބަހައްޓާ' ސަރުކާރާއެކު ކުރިއަށް ދިޔުމަށް މަޝްވަރާތައް ފަށާފައެވެ.
މި މަޝްވަރާތަކުގައި ރާއްޖެ އާއި އިންޑިއާގެ ހާރިޖީ ވަޒީރުން ދިއްލީގައި ބައްދަލު ކުރައްވާފައި ވާ އިރު ދެފަރާތުން ބުނެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމު ކޮށް ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމާއެކު ކުރިއަށް ދާން ތިބި ކަމަށެވެ.
އެ މަޝްވަރާތަކަށް އަލިއަޅުވާލައްފައި ޒަމީރު ވިދާޅުވީ, ރައީސްގެ އެންމެ ފުރަތަމަ ބޭރު ދަތުރުފުޅަކީ އިންޑިއާގެ ދަތުރުފުޅު ކަމަށް ނުވި ނަމަވެސް ލަސްތަނެއް ނުވެ އިންޑިއާ ދަތުރުފުޅު ހަމަޖެހިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އެގޮތުން އެ ދަތުރުފުޅާ ގުޅޭ ގޮތުން އިންޑިއާގެ ހާރިޖީ ވަޒީރާއެކު މަޝްވަރާ ކުރައްވާފައި ވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ. ނަމަވެސް ދަތުރުފުޅުގެ ތާރީހެއް އޭނާ ހާމަ ކުރައްވާފައެއް ނުވެއެވެ.