ރާއްޖޭގެ ކުރީގެ ސަރުކާރު [ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު] އިން އިންޑިއާއިން ނަގާފައި ވާ ދަރަނި 400 މިލިއަން ޑޮލަރަށް އަރާ އިރު ދަރަނި އަދާ ކުރަން ޖެހިފައި ވަނީ ހިނގަމުން މިދާ ސަރުކާރަށެވެ.
ތަފާތު އެކި މުއްދަތުތަކުގައި ދައްކާ ހަލާސް ކުރަން ޖެހޭ ދަރަނީގެ ބައެއް މިހާރު ވެސް ހިނގަމުން ދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދައްކާފައި ވާ އިރު, 2026 އާ ހަމައަށް ހުރި ދަރަނިވެސް ހުރި ކަމަށް ހިސާބުތަކުން ދައްކައެވެ. އެގޮތުން 2026 އާ ހަމައަށް ޖުމްލަ 370 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހެއެވެ.
އިންޑިއާ އާ ގުޅޭ ގޮތުން ރާއްޖޭގެ 2 ޑެޕިއުޓީ ވަޒީރަކު ދެއްކެވި ވާހަކަ ތަކަކާ ގުޅިގެން ދެގައުމުގެ ގުޅުމަށް ހީނަރުކަން އައިސްފައި ވާތާ ގިނަ ދުވަސްތަކަކަށް ފަހު ގުޅުން އަލުން އިއާދަކުރުމުގެ މަރުހަލާ މިހާރު ވަނީ ފެށިފައެވެ. އެގޮތުން ރާއްޖޭގެ ހާރިޖީ ވަޒީރު މޫޒާ ސަމީރު އިންޑިއާ އަށް ރަސްމީ ދަތުރެއް ކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވަވާފައި ވާ އިރު, ރާއްޖެއިން ވަނީ އިންޑިއާގެ ދަރަނި ދެއްކުމުގައި ލުއި ގޮތްތަކެއް ހަދައިދޭން ހުށަހަޅާފައެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައި ވާ ގޮތުން, ރާއްޖޭގެ ހުށަހެޅުން އިންޑިއާ އިން ވަނީ ބަލައިގެންފައެވެ. އެގޮތުން ދަރަނި ދެއްކުން ލުއި ކޮށްދިނުމުގެ މަޝްވަރާތައް ވަރަށް އަވަހަށް ފަށާނެ ކަމަށް އިންޑިއާގެ ހާރިޖިއްޔާ އާ ހަވާލާދީ ރިޕޯޓު ކޮށްފައި ވެއެވެ.
ޒަމީރު އިންޑިއާ އަށް ވަޑައިގެން ވަގުތު, ރާއްޖޭގެ ޖޫނިއާ މިނިސްޓަރުން އިންޑިއާ އަށް ކުޑަމީސް ކުރި މައްސަލައިގައި މައާފަށް އެދިވަޑައި ނުގަންނަވައިގެން އިންޑިއާގެ މީޑިއާތަކުން ވަނީ އެކަން ބޮޑު ކަމަކަށް ވެސް ހަދާފައެވެ. ނަމަވެސް ޒަމީރު ވަނީ ރާއްޖޭގެ ޖޫނިއާ މިނިސްޓަރުންގެ ފަރާތުން ފެނިގެން ދިޔަ ފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އިންޑިއާގެ އޮފިޝަލުންނަށް ދެއްވާފައެވެ. އަދި އިންޑިއާ އަށް ކުޑަމީސް ކުރުމުގެ ގޮތުން ހިނގައިދިޔައީ ރަނގަޅު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވާ ކަމަށް އިންޑިއާގެ ނޫސްތަކުން ފަހުން ބުނެފައި ވެއެވެ.
ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ, އިންޑިއާ އާއި ރާއްޖޭގެ ޒަމާން ވީ ގުޅުން ދެމި އޮންނަނީ އެއްގަމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ކަމަށެވެ. އެ ގުޅުމުގެ ތެރެއިން އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް އެ ގުޅުންތައް ދެމެހެއްޓުމުގެ މައްޗަށް ވާހަކަ ދެއްކެވި ކަމަށެވެ.
އިންޑިއާ އާއި ރާއްޖެއިން ރަސްމީ ވާހަތައް ބޭއްވި އިރު, މިއަދަކީ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާ ނިންމަން އެއްބަސްވި ދުވަހެވެ. ރާއްޖޭގައި އިންޑިއާގެ 89 ސިފައިން ތިބި އިރު އެ އެންމެންވެސް އިއްޔެގެ ނިޔަލަށް ފައިބައިގެން ގޮސްފައި ވާ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބި މައްސަލަ އަކީ ދިވެހިންގެ އޮތް ބޮޑު ކަންބޮޑުވުމަކަށް ވާއިރު އެމީހުން އަނބުރާ ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެވައުދުފުޅާ އެއްގޮތަށް ޔުނިފޯމް އެޅި ސިފައިން ފައިބައިގެން ގޮސްފައި ވާ އިރު, އެމީހުންގެ ބަދަލުގައި މިހާރު ތިބީ ކުލަ ހެދުމުގައި އައިސް ތިބި މަދަނީން ކަމަށް ސަރުކާރުން ބުނެއެވެ. އެމީހުންގެ މަސައްކަތަކީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައި އޮންނަ ޑޯނިއާ މަތިންދާ ބޯޓާއި 2 ހެލިކޮޕްޓަރުގެ މެއިންޓަނެންސް މަސައްކަތްތައް ކުރުމެވެ.