ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަދި އުރީދޫ ގުޅިގެން ކުޑަކުދިންގެ ދުވަހު ހަވާ އެރުވުމާއެކު ތަފާތު ހަރަކާތްތަކެއް ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީ އިން ބުނީ މި ހަރަކާތްތަކަކީ ހުޅުމާލޭގައި މީހުން އާބާދުވީތާ 20 އަހަރު ފުރޭ ދުވަހާއި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ އިވެންޓެއް ކަމަށެވެ.
މި ހަރަކާތްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މެއި 10 އަދި 11 ވަނަ ދުވަހު ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މެއި 10 ވަނަ ދުވަހަށް ރޭވިފައިވާ ހަރަކާތްތައް:
- ކޭކު ފެޅުން
- މިސް ޔޫލީ އާއެކު ކުޑަކުދިންގެ ވާހަކަ ކިޔުން
- ރޮބޯ މޭންގެ ހަރަކާތްތައް
- ބޮޑުބެރުގެ ހަރަކާތްތައް
މެއި 11 ވަނަ ދުވަހަށް ރޭވިފައިވާ ހަރަކާތްތައް:
- ފެން ކުޅިވަރު
- މޫވީ ނައިޓް
- ހަވާ އެރުވުން
ރާއްޖޭގައި ކޮންމެ އަހަރަކުވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ މޭ މަހުގެ 10 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ސްކޫލްތަކުގައިވެސް ފާހަގަކުރެއެވެ. އަދި މި ދުވަހުގެ މުނާސަބަތުގައި އެކި މުއައްސަސާތަކުން ކުޑަކުދިންގެ ހަވީރާއި ހާއްސަ އެހެނިހެން ހަރަކާތްތައްވެސް ބާއްވައެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ނޮވެންބަރު 20 ގައެވެ. ކުޑަކުދިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1954 ވަނަ އަހަރުގައެވެ.