ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް މިހާރު ކުރައްވައި ދަތުރުގައި އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރާ ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުންތަކާ ބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައި ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި ވެއެވެ.
ބައްދަލުވުމާ ގުޅޭ ގޮތުން ޖައިޝަންކަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާތް ރަހުމަތްތެރި ދެގައުމުގެ ހައިސިއްޔަތުން ގުޅުންތަކާއި އަދި ތަރައްގީގެ ރޮނގުގައި ކުރިއަށް ދާނީ ދެގައުމުގެ މަސްލަހަތާ އެއްގޮތަށް ކަމަށެވެ.
އެގޮތުން މިއަދުގެ މީޓިން [ދެގައުމުގެ ދެމެދުގައި ކުރެވޭ ރަޝްމީ މަޝްވަރާތައް] ތަކަކީ މި ގުޅުން އިތުރަށް ހަރުދަނާ ކުރުމާއެކު ކުރިއަށް ދިޔުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާ ކުރާ އަދި އެހީތެރިކަން ފޯރު ކޮށްދޭ ގައުމެއް ކަމަށާއި ރާއްޖޭގައި އިންޑިއާ އިން ހިންގި އަދި ހިންގާ ޕްރޮޖެކްޓުތަކުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކޮށްފައި ވާ ކަމަށެވެ. އެގޮތުން އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅުވެގެން ގޮސްފައި ވާ ކަމަށާއި އެ ގޮތުން ފާހަގަ ކުރައްވާ ބައެއް ދާއިރާތަކަކީ އިންފްރާސްޓަރަކްޗާ ޕްރޮޖެކްޓް ތަކާއި އިޖުތިމާއީ ރޮނގުން ހިންގިފައި ވާ ޕްރޮޖެކްޓްތައް ކަމަށެވެ.
މީގެ އިތުރުން އިންޑިއާ އިން ރާއްޖެއަށް އެކަށީގެންވާ ލުއި ގޮތްތަކެއްގައި މާލީ އެހީތެރިކަން ވެސް ފޯރުކޮށް ދީފައި ވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
ރަސްމީ މީޓިންތައް ފެށުމުގެ ގޮތުން ޖައިޝަންކަރު ދެއްވި ކުރު ބަޔާނުގައި ވިދާޅުވީ، ދެގައުމުގެ ދެމެދުގައި ގުޅުންތައް ބަދަހިކޮށް ކުރިއަށް ދެވެން ހުރި ގޮތްތަކާއި ދާއިރާތަކާ ގުޅޭގޮތުން ދެފަރާތަށް އެންމެ ފައިދާ ކުރާނެ މަގުން މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ ހާރިޖީ ވަޒީރުވެސް ވިދާޅުވީ، ދެގައުމުގެ ގުޅުންތައް ހަރުދަނާ ކޮށް ކުރިއަށް ދިޔުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށެވެ.