މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 މީހަކު ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މީހުންގެ ތެރެއިން ދެ ޕްލެޓްފޯމެއްގައި ތިބި 51 ސިފައިން މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ.

އަދި ސަރުކާރުން ކުރިން ވެސް ހާމަކޮށްފައިވާ ގޮތަށް މިމަހުގެ 10 ގެ ކުރިން ހުރިހާ ސިފައިން ފޮނުވާލެވޭނެ ކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބައިގެން ދިއުމުން އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާތަނަށް ދެ ޕްލެޓްފޯމެއްގައި ތިބި 51 ފައިބައިގެން ދިޔަ. މޭއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ހުރިހާ ސިފައިން ފައިބައިގެން ދިއުން އެއީ ސަރުކާރުން އަދި އެކަން އޮތް ގޮތަކީ" ހީނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތިން ޕްލެޓްފޯމެއްގައި އިންޑިއާގެ ސިފައިން ތިބި ކަމަށާއި އެފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ފައިބާނެ ކަމަށް މީގެ ކުރިން ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފޭބީ ކިތައް ސިފައިން ކަމެއް ހާމަކޮށްފައި ނުވާއިރު މިއީ އަދަދު ހާމަކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭން އިންޑިއާ ސިފައިން ބޭލުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ސަރުކާރުން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން މިހާތަނަށް އޭގެ ހަތަރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.