ޑެންގީ ޖެހިގެން 6 ކުއްޖަކު އެޑިމިޓް ކޮށްފައިވާ އިރު، ހާލު ސީރިއަސްވާ ބައެއް ކުދިންގެ ގަޔަށް ލޭ އަޅަން ޖެހޭ ހާލަތުވެސް އަންނަ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް ވިދާޅުވީ، މަދިރި ވަރަށް ގިނަވާ ކަމަށާއި މަދިރިން ޖެހޭ ޑެންގީ ހުން ވަރަށް ބާރަށް ފެތުރެމުންދާ ކަމަށެވެ. މިހާރު ވެސް 6 ތުއްތު ކުދިން ޑެންގީ ހުން ޖެހިގެން އެޑްމިޓްކޮށްފައި އެބަ ތިބި ކަމަށް ފައިސަލް ވިދާޅުވިއެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ހާލު ސީރިއަސްވެ ލޭ ވެސް އަޅަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.

ޑެންގީ ހުމަކީ ފުރާނައަށް ނުރައްކާވާ ބައްޔެއް ކަން ހަނދާން ނައްތާނުލުމަށާއި މަދިރިން ރައްކާތެރިވުމަށް ފައިސަލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޑެންގީ ޖެހިގެން ބަލިވާ ކުދިން އިތުރުވަމުން އަންނަ އިރު، ޗިކަންގުންޔާ ޖެހިގެން މި ދުވަސްވަރު ރިޕޯޓްކުރާ ކޭސްތައް ވެސް އަންނަނީ އިތުރުވަމުންނެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ފެތުރުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ ⁠ބަލި ފެތުރުން މަދު ކުރުމަށް ބަލި ފަތުރާ މަދިރި ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ. މަދިރި އުފެދި އާލާވާގޮތަށް ހުންނަ ތަންތަން ނައްތާލުން އަދި މަދިރި ހެފުމުން ރައްކާތެރިވުމަށް މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުމަށް ވެސް އިލްތިމާސް ކޮށްފަ އެވެ.

ކުރިއަށް އޮތް ހުޅަނގު މޫސުމުގެ ވިއްސާރައާ ގުޅިގެން މަދިރި އަލާވާ ފަދަ ތަންތަން އިތުރުވާނެ ކަމަށް ބެލެވޭތީ، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ އަދި ޗިކުންގުންޔާ ފަދަ ބަލިތަށް ދުވަސްތަކުގައި އިތުރުވެގެން ދިޔުމުގެ ފުރުސަތު ބޮޑުވުމުން، ދުރާލައި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.