އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު)ގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

އިސްލާމިކް ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ ސަމިޓެކެވެ.

މިއަދު ފެށުމަށް ހަޖެހިފައިވާ އޯއައިސީ ސަމިޓުގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމިކް މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ދެއްވާ ތަގުރީރު ޓީވީއިން ދުރަށް ދެއްކުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

މިއަދު ފަށާ މި ސަމިޓް ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. މި އަހަރުގެ ސަމިޓުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.