ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ނެރުއްވި ހާއްސަ ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދުމަށް އޮތް ދަތިކަން ކަމަށެވެ.

އެހެންކަމުން، ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް މި ސަރުކާރުން އިސްނަގާފައިވާ ކަމަށާއި އެގޮތުން ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ ރައްޔިތުންގެ މަޖިލީހަކާއެކު އެކަން ހަގީގަތަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ހިދުމަތް، ވަރަށް މުހިންމުކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ރެއާއި ދުވާލު ހިނގަމުންދާ ކަންކަމުގެ ހަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމައު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ވެސް ނޫސްވެރީންގެ ދައުރު ނުހަނު ބޮޑު ކަމަށެވެ.

އެހެންކަމުން ނޫސްވެރިންގެ ހުށަހެޅުންތަކާއި އުންމީދުތައް ދެނެގަނެ، އެކަންކަން ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނުގެ ފުރުސަތު މީޑިއާތަކަށް އިތުރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ހަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އާމްދަނީ ލިބުމަށް އޮތް ދަތިތަކުގެ ސަބަބުން، ރޭޑިއޯ ހަބަރު ފެތުރުމާއި، ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ރާއްޖޭގައި ހުއްޓެމުން ދާތީ ސަރުކާރުން ކަންބޮޑުވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި ދެމެހެއްޓުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރީންގެ ގައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިހްލާސްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ގައުމު ބިނާކޮށް، ހާލަތު ރަނގަޅުކޮށް، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިޔުމަށް ފަށާފައިވާ ދަތުރުގައި ސަރުކާރާއި، ނޫސްވެރީންނާއި، ހިދުމަތްތެރީންނާއި، ހުރިހާ ރައްޔިތުން ވެސް އަތުގުޅާލައިގެން އެއްބައިވަންތަކަމާއެކު ކުރިއަށް ދިޔުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.