ޖަލުގައި "ވާނުވާ" ޖަހާފައި ތިބި ހުރިހާ މީހުންނަށް އަވަސް ނިޔާއެއް އިއްވާ ސަލާމަތްކުރަން ޖެހޭ މީހުން ސަލާމަތް ކުރެވިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރުންނާ ސުވާލު ކުރުމަށް ކުރިއަށްގެންދާ "އަހާ" ފޯރަމްގައި ރޭ އިހްސާން ވިދާޅުވީ "ވާނުވާ"ގެ މައްސަލަ ހައްލުކުރުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އަދި އެ މަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މި ސަރުކާރުން މިކަމަށް އޮތް ހައްލަކީ ކޮބައިތޯ ވަރަށް ބޮޑަށް ބަލާފައިވާނެކަމަށާ ފުރަތަމަ ޖިނާއީ މުޅި އަދުލުގެ ނިޒާމު ލަސްވާ ލަސްވުމަކީ އޭގެ އެންމެ ބޮޑު މައްސަލަކަން ފާހަގަކުރެވިފައިވާކަމަށް އިހްސާން ވިދާޅުވިއެވެ.

އެއްވެސް މީހަކު ޖަލުގައި ބަހައްޓައިގެން ހުކުމެއް ނެތި، ތަހުގީގު ހިންގާ "ވާނުވާ"ގައި ބެހެއްޓުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަން ފާހަގަކުރައްވަމުން އިހްސާން ވިދާޅުވީ އެކަން މުޅިން ހުއްޓާލާނެކަމަށާ އެހާ ހިސާބުން ވާނުވާގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ ކަމަށެވެ. ވާނުވާގައި ވަރަށް ދިގު މުއްދަތު ހޭދަކޮށްފައިވާ މީހުންވެސް އެބަތިބިކަން ހާމަކުރަމުން އިހްސާން ވިދާޅުވީ މިހާރު ވާނުވާގައި އެންމެ ގިނަ ދުވަސްވީ ފަރާތްތަކުގެ މައްސަލަތައް ހިމެނޭ ލިސްޓެއް ތައްޔާރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަތައް އަވަސްކޮށްދިނުމަށް އެދި ޕީޖީއާއި ކޯޓުތަކަށްވެސް މިހާރު އެ ލިސްޓު ހިއްސާކޮށްފައިވާނެކަމަށް އިހްސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހްސާން ވިދާޅުވީ ޝަރީއަތްތައް އަވަސްކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ޕީޖީ އާއި ކޯޓުތަކާއެކު މަޝްވަރާކޮށް އެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނަށް ގާނޫނުގެ ތެރެއިން ހޯދިދާނެ ހައްލުތައް އެޓާނީ ޖެނެރަލް އޮފީހުން މިހާރުވެސް ހޯދަމުންދާ ކަމަށް އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން މިހެން ވިދާޅުވެފައިވާއިރު، ރައީސް ވަނީ އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަސައްކަތަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި މިކަމަށް ބޭނުންވާ ގާނޫނީ އިސްލާހު ގެންނަވާނެކަމަށެވެ.