އިންޑިއާގައި މިހާރު ކުރިއަށް ދާ އާންމު އިންތިހާބުގައި އިދިކޮޅު ކޮންގްރެސް އާ ވާދަވެރި, ވެރިކަން ކުރާ ބީޖޭޕީގެ ފަރާތުން ކޮންގްރެސްގެ އަގުވައްޓާލުމުގެ މަގުސަތުގައި ޓްވީޓެއް އާންމު ކޮށްފިއެވެ.
ކުރީގެ ބޮޑުވަޒީރު އަދި ކޮންގްރެސްގެ ލީޑަރު މަންމޯހަން ސިންގް, މުސްލިމުންނަށް ފުރަތަމަ ހައްގުތަކާއި ހިދުމަތްތައް ދިނުމަށް ގޮވާލައްވައި 2009 ވަނަ އަހަރު ދެއްކެވި ވާހަކަފުޅެއް ހޯދާ އެކްސްގައި ޓްވީޓް ކޮށް ބުނެފައި ވަނީ, ކޮންގްރެސްގެ ވެރިންނާއި އެ ޕާޓީގެ ވިސްނުން އެ ހުރީ މުސްލިމުންނަށް އެންމެ ފުރަތަ ހައްގުތައް ހޯދައިދީ ހިދުމަތްތައް ދިނުމަށް ކަމަށާއި ކޮންގްރެސް އަށް އިންޑިއާގެ ރައްޔިތުން މުހިންމު ނުވާ ކަމަށެވެ.
މުސްލިމުންގެ ވާހަކަ ގެނެސްފައި އޮތުމުން ބީޖޭޕީން ރުޅިގަދަވެފައި ވާ އިރު އެޕާޓީގެ ލީޑަރު އަދި މިހާރުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެފައި ވަނީ އެންމެ ފުރަތަމަ ހައްގުތަކާއި ހިދުމަތްތައް ދޭން ޖެހެނީ ފަގީރުންނަށް ކަމަށެވެ. އަދި އޭނާގެ ބީޖެޕީގެ އިސް އޮފިޝަލުން ބުނެފައި ވަނީ ކޮންގްރެސް ޕާޓީގެ ފޮރުވިފައި ވާ އެޖެންޑާ އަކީ އިންޑިއާގެ އެހެން ދަރިކޮޅުތަކުން ހައްގުތައް ފޭރިގަނެ މުސްލިމުންނަށް ދިނުން ކަމަށެވެ. އަދި ކޮންގްރެސް އިން އެ އުޅެނީ ތޯލިބާނުން ގެންގުޅޭ ކަހަލަ ސިޔާސަތެއް އިންޑިއާ އަށް ގެންނަން ކަމަށް ބުނެވެސް ފާޑުކިޔާފައި ވެއެވެ.
މަންމޯހަން އޭރު ދެއްކެވި ވާހަކަ މިއަދުވެސް ތަކުރާރު ކުރައްވާފައި ވާ އިރު އޭނާ ވިދާޅުވީ, މުސްލިމުންގެ ތެރެއިން ފަގީރުންނާއި އަދި ޖުމްލަކޮށް ހުރިހާ މުސްލިމުންނަށް ދައުލަތުގެ ހުރިހާ ހިދުމަތެއް ލިބެން ޖެހޭނެ ކަމަށާއި އަދި ހައްގުތައް ވެސް ލިބެން ޖެހޭނެ ކަމަށެވެ. އަދި އޭރު ދެއްކެވި ވާހަކަ މިއަދުވެސް ތަކުރާރު ކުރައްވާ ކަމަށް އޭނާ ވިދާޅުވެއެވެ.
އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ފާޅުގައި ބީޖޭޕީގެ ސަރުކާރުގެ އެކިއެކި ގުނަންތަކުން ބަސް ބުނެ އަދި އަމަލުތައް ހިންގަމުން ގެންދާ އިރު ރެކޯޑްތަކުން ދައްކަނީ މޯދީ ވެރިކަމާ ހަވާޅުވެވަޑައިގެން ފަހުން މުސްލިމުންނަށް އެގައުމުގައި ޖެހޭ "ތުރާތައް" ބޮޑުވަމުން އަންނަ ކަމަށެވެ. އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އިދާރާތަކުންވެސް އެކަން ފާހަގަ ކޮށްފައި ވާ އިރު, ބައިމަދު މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ އެކިއެކި ސަރަހައްދުތަކުގައި އަދުއުފުލައި މުޒާހަރާކޮށް, މުސްލިމުންގެ މުދަލާއި ތަކެއްޗަށް ގެއްލުންދީ, ފުރާނައަށް ނުރައްކާ ކުރުމުގެ އިތުރުން އަޅުކަން ކުރާ މިސްކިތްތައް ހަލާކު ކުރުމުގެ ސިލްސިލާއެއް ވެސް އަންނަނީ ހިނގަމުންނެވެ.
މި ވާހަކަތައް މޯދީގެ ސަރުކާރުން ދޮގު ކުރި ނަމަވެސް މޯދީގެ ވެރިކަމަށް ފަހު ބޮޑު 2 މިސްކިތެއް ތަޅާލައި އެތަންތާނގައި މާސިންގާ ފައްޅި އަޅާފައި ވެއެވެ.