ވަކި އެޖެންޑާއެއް ގެންގުޅެން މަސައްކަތް ކުރި މީހުންނަށާއި ބޭރު ދުނިޔެއަށް ދިވެހިންގެ ނިންމުން މިހާރު ސާފުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ 20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާއާއެކު ރާއްޖޭގެ ކަންކަން ބަލަން ތިބި ބޭރު ދުނިޔޭގެ ފަރާތްތަކަށް ދިވެހިން ބޭނުންވާ ގޮތް މިހާރު ސާފުވާނެ ކަމަށް ޔަގީންވެވަޑައިގަންނަވާ ކަމަށެވެ. އަދި ދިވެހި ގައުމަކީ ފަހުރުވެރި ގައުމެއް ކަމަށާއި ދިވެހިންނަކީ މިނިވަންކަމަށް ލޯބި ކުރާ ބައެއްކަން މުޅި އިންޓަނޭޝަނަލް ކޮމިޓީގެ ފަރާތްތަކަށް ވެސް މިހާރު ސާފުވާންވާނެ ކަމަށެވެ.
ދިވެހިން ބޭނުން ވަނީ ދިވެހިންގެ ކަންކަން އަމިއްލައަށް ނިންމަން ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންނަށް މުހިންމީ ދިވެހިންގެ ކަންކަން ދިވެހިން ބަސްބުނެ ދިވެހިން ބޭނުންވާ ގޮތަށް ކުރަންކަން މިހާރު ސާފުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެތެރޭގައި ތިބި ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ދިވެހިން ބޭނުންވާ ގޮތް ވަރަށް ސާފުވެވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން އެދެނީ ދެން ހިޔާލު ތަފާތުވުން ދޫކޮށްލުމަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެގޮތުން ހުރިހާ ސިޔާސީ ފަރާތްތަކަށް އަތުކުރި އޮޅާލައިގެން އެންމެން އެކީގައި ކުރިއަށް ދިއުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި އެމަނކިފާނުގެ ކުރިމަތީގައި ކޮންމެ ޕާޓީއަކަށް ނިސްބަތްވި ނަމަވެސް ކޮންމެ ރައްޔިތަކު ވެސް ހަމަހަމަވާނެ ކަމަށް ވިދާޅުވިއެވެ. އ
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް މުހިންމު ރައްޔިތެއް ކަމަށާއި ކޮންމެ ރައްޔިތަކަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތީ ލޯތްބާއި ގަދަރު ކަމަށެވެ. އަދި މުޅި ގައުމު އެކައްޗެއް ކިޔާ ދިން މެސެޖަކީ ބޭނުން ވަނީ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލުން ކަން ކުރުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެން ފެންނާނީ އަމަލުން ކަން ކުރާ ތަން ކަމަށެވެ.