އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 75 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 284،663 މީހަކަށް ލިބިފައިވާއިރު، އީސީ އިން ބުނީ އާންމުކޮށް ރިޔާސީ އިންތިހާބާ އަޅާ ބަލާއިރު މަޖިލިސް އިންތިހާބުގައި ވޯޓުލާން ނިކުންނަ މީހުންގެ އަދަދު މަދުކަމަށެވެ. އިއްޔެގެ އިންތިހާބުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދު އެހެން އަހަރުގެ ތަކުގެ މަޖިލިސް އިންތިހާބު ތަކުގައި ވޯޓުލާން ނިކުތް މީހުންގެ އަދަދުތަކާ އެއްވަރުކަން ފާހަގަކޮށް އީސީ އިން ބުނީ އާންމުކޮށް މަޖިލިސް އިންތިހާބުގައި ވޯޓުލާން ނިކުންނަނީ ވޯޓުލެވޭ އާބާދީގެ 60 ޕަސެންޓް ނުވަތަ 70 ޕަސެންޓް މީހުން ކަމަށެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެހެން ފަހަރުތަކާ އަޅާ ބަލާއިރު މާ ބޮޑެތި މައްސަލަތަކެއް ދިމާވެފައި ނުވާކަން އީސީ އިން ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން މަޖިލީސް އިންތިހާބުގައި މާލޭގައި ވޯޓު ކަރުދާސް ދެއްކި މީހަކާ، ގދ. ފިޔޯރީގައި ވޯޓު ލާ މަރުކަޒުގެ މަސްލަހަތު ނަގާލައިގެން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އެ ތިން މީހުންވެސް ވަނީ ރޭ ދޫކޮށްލައިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ހިންގާ ޕީއެންސީއަށް ލިބިފައިވާއިރު ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީއަށް ވަނީ މަޖިލީހުގެ 71 ގޮނޑި ކާމިޔާބުވެފައެވެ. އިދިކޮޅު އެމްޑީޕއަށް 12 ދާއިރާ ކާމިޔާބު ކުރެވުނު އިރު އަމިއްލަ ގޮތުން ވާދަކުރި 6 ކެންޑިޑޭޓަކު ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ.