މިއަދު އޮތް މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވާ މި ސަރުކާރުގެ ކޮރަޕްޝަނާ ގުޅޭގޮތުން އިޝާރާތުގެ ވަރުގަދަ ޖަވާބެއް ދެއްވައިފިއެވެ.

ނޫސްވެރިއަކު ރައީސް ޔާމީނާ ކުރި ސުވާލުގައި ބުނީ ހަސަން ކުރުސީ ކިޔާ އެކައުންޓަކުން ރައީސް މުއިއްޒުގެ ބައިވަރު ކޮރަޕްޝަން ތަކެއްގެ ވާހަކަ ލީކުވި ކަމަށް ލިޔެފައި އޮތްކަމަށާއި އެކަހަލަ ކޮރަޕްޝަން ތަކެއްގެ ވާހަކަ މީޑިއާތަކުގައި ވެސް ފެތުރިގެން ދިޔަކަމަށެވެ. މިކަމަށް ރައީސް ޔާމީން ވިދާޅުވަނީ ކީކޭތޯއެވެ. ޔާމީން ވިދާޅުވީ އަނގަބަހުން ޖަވާބު ނުދެއްވާ ޖަވާބު ދެއްވަން ބޭނުންފުޅުވަނީ "އެކްސްޕްރެޝަނުން" ކަމަށެވެ.

މިފަދައިން ވިދާޅުވެ ރައީސް ޔާމީން ވަނީ ބިމާ ދިމާއަށް އަދި އުޑާ ދިމާއަށް ބައްލަވާލައްފާއެވެ. ޔާމީން މިފަދައިން އިޝާރަތް ކުރައްވާފައި ވާއިރު މި ކޮރަޕްޝަނާ ގުޅޭގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ގޮތް ހުސްވުމުން ދޮގު ހަދައިގެން ތުހުމަތުތަކެއް އަޅުވަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އެމްޑީޕީން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

ޕީއެންސީން މަޖިލިސް އިންތިހާބަށް ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ތިން ކަމަކީ ތަރައްގީ ގެނެސްދިނުމާއި، ގައުމުގައި ހަމަޖެހުން ގާއިމް ކުރުމާއި ގައުމުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ. މިކަންކަން ހާސިލް ކުރުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު، އެ ކަން ހަގީގަތަކަށް ވާތަން ފެންނަން ފެށުމުން އިދިކޮޅުން އަންނަނީ އެކި ކަހަލަ ވާހަކަތައް ދައްކައިގެން އެކި ކަހަލަ ތުހުމަތުތައް އަޅުވަން މަސައްކަތް ކުރަމުން ކަމަށެވެ.

އެމްޑީޕީން މަސައްކަތް ކުރަމުން އެ އަންނަނީ މި ގައުމުގައި ގާއިމް ކުރަމުން އަންނަ ހަމަޖެހުން ރޫޅާލައި ކުރީގައި އޮތް ބަދަލު ހިފުމުގެ ރޫހު ދިރުވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އިދިކޮޅުން އެކުރާ ކަންކަމުގެ ތެރެއަށް ހެއްލި މި ގައުމުގެ ހަމަޖެހުން ނަގާލުމަށް އެ ފުރުސަތު ނުދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ރައީސް ޑރ. މުއިއްޒުގެ ކޮރަޕްޝަންތަކެއް ކަމަށް ބުނެ ރިޕޯޓުތައް ލީކުކޮށްލީ ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ" ގެ އެކައުންޓުންނެވެ. އެ އެކައުންޓުން ވަނީ ރައީސްގެ އެކައުންޓަށް ޖަމާވި ފައިސާތަކާ ގުޅޭގޮތުން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް (އެފްއައިޔޫ) އަދި ފުލުހުންގެ އިންޓެލިޖެންސުން އެކުލަވާލާފައިވާ ދެ ރިޕޯޓެއް ލީކު ކޮށްލާފައެވެ.