ފޯކައިދޫ އެމްޑީޕީ ކެމްޕެއިން ނިންމާލި ހަރަކާތުގައި މުއްދަތު ހަމަވެފައިވާ ބިސްކޮލާޓޯ ތަކެއް ބެހި މައްސަލަ ފެންމަތިވެއްޖެއެވެ.

އެކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް ހެލްތް ސާވިސް އަހުމަދު ރިލްވާން ވިދާޅުވީ އެމްޑީޕީގެ ފަރާތުން ކެމްޕެއިން ހަރަކާތް ނިންމާލުމަށް ބޭއްވި ޖަލްސާގައި މި މަހުގެ 7 ވަނަ ދުވަހަށް މުއްދަތު ހަމަވެފައިވާ ބިސްކޮލާޓޯ ތަކެއް ރައްޔިތުންނަށް ބަހައިގެން އޭގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ނޫސް ބަޔާނެއް ނެރެފައިވާކަން ފާހަގަ ކުރައްވާ ރިލްވާން ވިދާޅުވީ މި ވަގުތުން މި ވަގުތަށް އެ ބޭނުން ނުކުރުމަށާއި ބޭނުން ކުރެވިފައިވާ ފަރާތްތަކުން ސިއްހީ ހާލަތެއް ކުރިމަތިވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރުގެ ލަފާ ހޯދުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.

ރިލްވާން ވިދާޅުވީ މިހާތަނަށް ހާލަތު ގޯސްވެގެން އެއްވެސް ފަރާތަކަށް ފަރުވާދީފައި ނުވެއެވެ.

އެކަމާ ގުޅިގެން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަން އެ ރަށުން "ދަ ޕްރެސް" އާ ވާހަކަދެއްކި މީހަކު ވަނީ ބުނެފައެވެ.