ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވެ، ފްލެޓް ނުލިބުނު ފަރާތްތަކަށް ފްލެތް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ހައުސިން މިނިސްޓްރީިއިން ބުނީ އެ ފަރާތްތަަކަށް ފްލެޓް ދޭން ނިންމާފައިވަނީ މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހި ކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އެގޮތުން ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަހްރޫމްވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިއަށްގެންދާ މަޝްރޫއަކުން ބޯހިޔާވަހިކަން ހޯދައި ދިނުމުގެ އިތުރުން އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލު ގެނެސްދިނުމަށް ނިންމާފައިވާ ކަމަށްވެސް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ 2010 ވަނަ އަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއިން އަރަބިއްޔާ އަދި ގާކޮށީގައި އިމާރާތް ކުރެވުނު ޓާޓާ ފްލެޓްތަކުން ޝަރުތު ހަމަވި ނަމަވެސް ފްލެޓް ލިބުމުން މަހްރޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫއިން ފްލެޓް ހޯދުމަށް ބޮޑު އިންޓްރެސްޓްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް، ސަރުކާރުން މިހާރު އިމާރާތް ކުރަމުންދާ އިޖްތިމާއީ ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ދައުރުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް އެމަނިކުފާނު އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.