ތަރައްގީ އާއި މިނިވަން ކަމާއި ހަމެޖެހުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ 'ނަތީޖާ، ނަތީޖާ، ނަތީޖާ' އެވެ.
ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއިން މެޖޯރިޓީ ވެރިކަން ކުރާ ޕީއެންސީއަށް ހޯދައިދިނުމަކީ ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް ރައީސް އެދިވަޑައިގަންނަވާ އެދިވަޑައިގަތުމެވެ. އެއް ރޫހެއްގައި އެއް ވާނެއްގައި މުޅި ރައިއްޔަތް ނިކުމެ ވޯޓުލާން ރައީސް އެދިވަޑައިގަންނަވައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާ ހިލާފަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހަކީ ރައީސަށް އިމްތިހާނެކެވެ. ރިޔާސީ އިންތިހާބުގެ ދުވަސްވަރު ގައުމުގައި އޮތް ރޫހަކީ، ނިމިދިޔަ ސަރުކާރުން އިންޑިއާގެ އުނގަށް ވެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނައުމާއި ހިފެހެއްޓުމެއް ނެތި ފައިސާ ޗާޕު ކޮށް ހަރަދު ކުރުމާއި، އަދަދެއް ނެތި ބޭކާރު ވަޒީފާތައް އުފައްދާ ހަރަދު ބޮޑުކުރުމާއި، އިސްރާފާއި ކޮަރަޕްޝަނުން ނެއްޓެއް ބޭނުންވެ އުފެދިފައި އޮތް ރޫހެކެވެ. އެ ރޫހުގައި ވޯޓުލަމުން ދިޔަ އިރު ފަސޭހަކަމާއެކު ރިޔާސީ އިންތިހާބު މުއިއްޒު ކާމިޔާބު ކުރައްވާނެކަން އޮތީ ޔަގީން ކުރެވިފައެވެ. ހިޔާލު ހޯދުމުގެ ވޯޓުތަކުން ވެސް ދެއްކީ އެ ނަތީޖާއެވެ.
މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މާދަމާ އަށް ތާވަލު ކުރެވިފައި ވާ އިރު، މަންޒަރު ތަފާތު ވާ ހިސާބަކީ، އިދިކޮޅުން ކުޅޭ ޓީމުގައި ރާއްޖޭގެ ރައީސްކަން ކުރިން ކުރެއްވި 3 ރައީސުން ކަމުގައި ވާ މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހު ތިއްެބެވުމެވެ. އެ 3 ރައީސުންނަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އަދިވެސް ބަސް ވިކޭ 3 ރައީސުންނެވެ. އެ ރައީސުންގެ ތަރި އެންމެ އުހުގައި ހުރި ދުވަސްވަރު އޮތް ތާއީދު މިހާރު ނެތަސް މިހާރުގެ ސަރުކާރާ ދެކޮޅަށް ކުޅުއްވުމުގައި އެ 3 ރައީސުންވެސް ގޯލް ޖައްސަވަން މަސައްކަތް ކުރައްވަނީ އެއް ގޯލަކަށް ކަމަށް ވުމީ، އޭގައި ޕްރެޝަރެއް ހުރިކަން ފެންނަ ކަމެކެވެ.
ކިހާވަރެއްގެ ޕްރެޝަރެއް ދެވިދާނެތަ؟
އެމްޑީޕީ އަކި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށް ވިޔަސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހަދާފައި ވާ ގޯސްތަކުގެ ސަބަބުން މާޔޫސްވި އެތައް މެންބަރުންނެއް ވަނީ އެ ޕާޓީ ދޫކޮށްފައެވެ. އެއް ބަޔަކު ސަރުކާރާ ގުޅިފައިވާ އިރު އަނެއް ބަޔަކު ވަނީ ޕީއެންސީއަށް ވަދެފައެވެ. އެމްޑީޕީގެ ދެފަޅިވެ ރައީސް ނަޝީދުގެ ޑިމޮކްރެޓްސް އުފެދުމާއެކު އެކަތިގަނޑެއްހެން އޮތް އެމްޑީޕީއެއް މިހާރަކު ނެތެވެ.
ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަންގެ ލީޑާޝިޕްގެ ތެރެއިން ރައީސް ޔާމީން ގެއްލުނު ހިސާބުން ޕީޕީއެމްގައި އިހު އޮތް ޕިންކް ކުލައެއްވެސް މިހާރަކު ނެތެވެ.
ރައީސް ނަޝީދާއި ރައީސް ޔާމީނާއެކު އެ ބޭފުޅުން ތިއްބެވި ޕާޓީން ނިކުތީ މަދު މީސްކޮޅެއް ނަމަވެސް އެ ލީ ރެނދާއެކު އިހު އޮތް ރޫހެއް އެމްޑީޕީގައި ވެސް، ޑިމޮކްރެޓްސްގައި ވެސް އަދި ޕީޕީއެމްގައި ވެސް އަދި ޕީއެންއެފްގައި ވެސް ނެތެވެ.
ނަމަވެސް އެއް ވިސްނުމެއްގައި ރައީސް މުއިއްޒު ބަލި ކުރެއްވުމަށް 3 ވެރިން ކުރިއަށް ނެރުއްވާ ސިޔާސަތަކީ ރައީސް މުއިއްޒަށް ޗެލެންޖެކެވެ. ސޯޝަލްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުން ކޮށްގެންނާއި، އެކިއެކި ޕޯޑިއަމްތަކުގައި ރައީސް މުއިއްޒަށް އެ ބޭފުޅުން އަމާޒު ކުރައްވައި ބަހުގެ ހަމަލާތަކަކީ ވޯޓަށް އަސަރު ކުރާނެ ހަމަލާތަކެކެވެ.
އިދިކޮޅުން ދައްކާ ވާހަކަތައް ނަފީ ކުރުމަށް ރައީސް މުއިއްޒުގެ ސަރުކާރުގެ ޕީއާރު ޓީމަށް 'އެ ދަނޑުގައި ނުކުޅެވުމަކީ' ބައްޔެކެވެ. ރައީސް މުއިއްޒާ ގުޅުވާ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގެ މުގާބިލުގައި ޕީއާރު ޓީމަށް ރައްދު ނުދެވޭ އިރު، ރައީސް މުއިއްޒަށް ޑެމޭޖް ވާނެ ކިތަންމެ ކަމެއް ކޮށް "އަތަށް ގޮއްވާލި" ކިތަންމެ ފަހަރެއްވެސް ހިނގައްޖެއެވެ.
ޕްރެޝަރާ އެކުވެސް މެޖޯރިޓީ ނަގާ، ކީއްވެ؟
ޕީއާރު ޓީމުގެ ބަލިކަށި ކަމުން ރައީސް މުއިއްޒަށް ކުރިމަތިވެވަޑައިގަންނަވާ ޕްރެޝަރާ އެކުވެސް މާދަމާގެ އިންތިހާބުގައި ޕީއެންސީން މެޖޯރިޓީ ނަގާނެ ކަމަށް ހިޔާލު ހޯދުންތަކުން ދައްކައެެވެ. ރޭންޑަމްކޮށް އެކިއެކި ދާއިރާތަކުން 1500 މީހަކާ ފޯނުން ސުވާލުކުރުމުން ލިބުނު ނަތީޖާއަށް ބަލާއިރު އާންމުންގެ ހިޔާލުތަކަށް ބުރަވަނީ، މަދުވެގެން 40 ގޮނޑި ރައީސް މުއިއްޒު ކަށަވަރު ކުރައްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 93 ގޮނޑި ހިމެނޭ އިރު ގޮނޑިތައް ބެހޭނެ ކަމަށް އަންދާޒާ ކުރެވޭ ގޮތް؛
- އެމްއެންޕީ: 0
- ޖޭޕީ: 1
- އަދާލަތު: 2
- ޕީއެންއެފް: 2
- ޑިމޮކްރެޓްސް: 3
- އެމްޑީޕީ: 35
- ޕީއެންސީ: 40
- އަމިއްލަ: 10
ޖޭޕީގެ ކެންޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ފެންނަ ހަމައެކަނި ކެންޑިޑޭޓަކީ ލީޑަރު ގާސިމް އިބްރާހިމްއެވެ. އެމްއެންޕީއަށް ބަލާއިރު އެ ޕާޓީގެ ލީޑަރު ނާޒިމަށް ގޮނޑި ކާމިޔާބު ވާނެ ކަމަކަށް ނުދައްކައެވެ. ނާޒިމް ވާދަކުރައްވާ މާފަންނު އުތުރުގެ ގޮނޑި ކާމިޔާބު ކުރައްވާނެކަމަށް، ބައެއް އާންމުން ބުނެފައި ވަނީ ޑިމޮކްރެޓްސް ގެ ކެންޑިޑޭޓް އިމްތިޔާރު ފަހުމީކަމަށެވެ.
އަދާލަތުން ކުރިމަތިލާ ދާއިރާތަކުގެ ތެރެއިން 2 ގޮނޑިއެއް ލިބޭނެ ކަމަށް ހިޔާލުތަކުން ދައްކާ އިރު، އެ ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ގޮނޑި ގެއްލޭނެ ކަމަށް ބައެއް އާންމުން ބުނެއެވެ.
ރައީސް ޔާމީން ތަމްސީލުކުރައްވައި ޕީއެންއެފްގެ ކެންޑިޑޭޓުންގެ ތެރެއިން 2 ގޮނޑިއެއް ލިބޭނެ ކަމަށް ބުނެފައި ވެއެވެ. އެއް ގޮނޑިއަކީ ފުވައްމުލައް ސިޓީގެ ގޮނޑިއެކެވެ. އަނެއް ގޮނޑިއަކި ލ އަތޮޅު ގޮނޑިއެއް ކަމަށް ބުނެއެވެ.
ޑިމޮކްރެޓްސް ވާދަކުރާ ގޮނޑިތަކުގެ ތެރެއިން މާލެއިން 3 ގޮނޑި ލިބޭނެ ކަމަށް ހިޔާލު ހޯދުންތަކުން ދައްކައެވެ.
ބާކީ ގޮނޑިތަކުގެ ތެރެއިން، މާލެ ސިޓީގެ 9 ގޮނޑިއެއް އެމްޑީޕީއަށް ލިބޭނެ ކަމަށް ހިޔާލު ހޯދުންތަކުގައި ބުނާ އިރު، ޕިއެންސީއަށް ލިބޭނީ 5 ގޮނޑި ކަމަށް ބުނެއެވެ. ހަމައެހެންމެ އައްޑޫ ސިޓީގެ 8 ގޮނޑީގެ ތެރެއިން 6 ގޮނޑި އެމްޑީޕީ ނަގާނެ ކަމަށް ވެސް ހިޔާލުހޯދުންތަކުން ދައްކައެވެ.
މި ނަތީޖާ އާ އެކުވެސް މުޅި ރާއްޖޭގެ 93 ދާއިރާގެ ތެރެއިން ކުދި ރަށްތައް ހިމެނޭހެން މެޖޯރިޓީ ހޯދާނީ ވެރިކަން ކުރާ ޕީއެންއެފް ކަމަށް ބައެއް އާންމުން ބުނެފައި ވެއެވެ.
މިއީ ފޯން ސާވޭއެއްގެ މައްޗަށް ބިނާ ކޮށްފައި ވާ ނަތީޖާއެއް ކަމަށް ވާއިރު މާދަމާ ވޯޓުގެ ނަތީޖާ މިއާ ތަފާތު ވުމަކީވެސް އެކަށީގެން ވާކަމެކެވެ.
ނަމަވެސް ވެރިކަން ކުރާ ސަރުކާރަކަށް އަބަދުވެސް އެޑްވާންޓޭޖެއް އޮންނަ އިރު، މާދަމާގެ ނަތީޖާވެސް ޕީއެންސީ ކޮޅަށް ބުރަވުމުގައި އެ އެޑްވާންޓޭޖް މުހިންމު ދައުރެއް އަދާ ކުރެއެވެ. ވަޒީފާތައް ދިނުމާއި، ހުރިހާ ދާއިރާއެއްގައިހެން ތަރައްގީގެ މަޝްރޫއުތައް ފެށުމާއި 'ކަޑަ ޖެހުން' ގިނަވެ އިންތިހާ ގިނަ ވައުދުތައް ވުމުގެ ފުުރުސަތު ބޮޑީ ސަރުކާރަށް ކަމަށް ވާއިރު އެކަން ހިނގަމުން ދަނީވެސް އެމަގަށެވެ.
މާދަމާގެ އިންތިހާބާ ދިމާކޮށް މި ނިމުނު ހަފްތާގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މަޝްރޫއު ސަރުކާރުން ވަނީ އިފްތިތާހު ކޮށްފައެވެ. އެއާޕޯޓުތައް ތަރައްގީ ކުރަން ބިން ހިއްކުމުން ފެށިގެން ވޯޓަށް މުހިންމުވެދާނެ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތުތައް ވަނީ ދީފައެވެ.
ކެމްޕެއިނަށް އެކިއެކި ދާއިރާތަކަށް ޕާޓީތަކުގެ ވެރިން ވަޑައިގެފައި ވާ އިރު ސަރުކާރުން ވައުދު ވާ ގޮތަށް އިދިކޮޅަށް ވައުދު ވާނެ ޖާގަ ނެތުމަކީ ސަރުކާރަށް އޮތް އެޑްވާންޓޭޖެކެވެ. މާދަމާގެ ޓެސްޓުން މުއިއްޒު ފާސްވާނެ ކަމަށް ގިނަ ބަޔަކު ގާބުލުކުރަނީ އެހެންވެގެންނެވެ.
ރައްޔަތުންގެ މަސައްކަތް ރަނގަޅު އަންނަ ރިއާސީ އިންތިޚާބުގެ ހަމަސްކުރިން މުއިއްޒުގެ ހުރި ވައުދެއް ފުއްދާ ތަފާތު މިހާރު މިދައްކަމުން ދާގޮތަށް ދައްކާ ރައްޔަތުން އެކުވެރި ކުރުވާ ހުރިހާ މީހުންނަކީވެސް ފަޚުރުވެރި ކަމާއެކު މީއަޅުގަޑުމެންގެ ގައުމޭ ބުނަން ދަސްކޮއްދީ އަޅުވެތިކަމެއް ބޭނުމެއް ނުވާނެ އެއްވެސް ދިވެއްސަކު