ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ ސަރުކާރާ މެދު މާޔޫސްވެފައި ވާތަން ކަމަށާއި ރާއްޖެ މިދާ މިސްރާބު ކައްސާލައިފި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން ކުރަމުންދާ ކެމްޕެއިންގެ ތެރެއިން މަގުމަތީ ހަރަކާތްތައް ނިންމުމަށް އެމްޑީޕީން މިއަދު ބޭއްވި ޕެރޭޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯލިހު ވިދާޅުވީ, ރާއްޖޭގެ ހުރިހާ ރަށަކުން ވެސް ފެންނަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަމުން ނުދާތީ, މާޔޫސްވެފައިވާ މަންޒަރު ކަމަށެވެ.
މިކަން ބަދަލުކުރަން ޖެހިއްޖެކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން އެންމެންގެ ފަރާތުން އަޑު އުފުލަމުން ދާ ކަމަށާއި އެމްޑީޕީ އަނެއްކާ ވެސް ނިކުމެ މިއޮތީ މިކަން ބަދަލުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުމާއެކު މި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މި ސަރުކާރު ޒިންމާދާރު ކުރުވާނެ ކަމަށާއި ހަމަމަގަށް އަޅުވާނެ ކަމަށާއި ރައީސް ސޯލިހް ވިދާޅުވިއެވެ.
މި ސަރުކާރުން ވެރިކަމަށް އައީ ބޮޑެތި ދޮގާއި އޮޅުވާލުމުގެ ތެރެއިން ކަމަށާއި އެކަން އަދިވެސް ދަނީ ކުރިއަށް ކަމަށް ސޯލިހްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ. މިކަން ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ވާނީ އެމްޑީޕީއަށް ފުރުސަތު ދީގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމުގެ ވެރިކަން ކުރަން ޖެހޭނީ ރައްޔިތުން އެދޭ ގޮތަށް ހާމަކަން ބޮޑުކޮށް ކަމަށާއި ނަމަވެސް މި ސަރުކާރު ހިނގަމުންދާ ގޮތް ރައްޔިތުންނަށް ނޭނގޭ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. މާލިއްޔަތާ ގުޅޭ މައުލޫމާތު އަދި ހޯދަން އެދޭ މައުލޫމާތު ވެސް ހާމަ ކުރަމުން ނުދާ ކަން ސޯލިހު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ސަރުކާރުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފައި ވާ ކަަމަށާއި ހަރަދު އިންތިހާއަށް ބޮޑުކޮށްފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ސަރުކާރު މާލިއްޔަތުން ކެމްޕެއިން ކުރުމަށް އެތައް މިލިއަނެއް ހަރަދުކޮށްފައިވާ ކަމަށް ވެސް ރައީސް ތުހުމަތު ކުރެއްވިއެވެ.
ޞޯލިޙުގެ ވެރިކަމުގައި، އިރުއޮއްސިފަ އިރުއަރާއިރު އަޑުއިވެނީ އެތައް ބިލިއަން ޑޮލަރެއްގެ ލޯންނަގާ ވާހަކަ، ޖެހިގެން އަންނަ ދުވަހު އިވެނީ އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރާ ވާހަކަ، ޖެހިގެން އަންނަ ދުވަހު އިވެނީ މިތައް ބިލިއަން ރުފިޔާއެއްގެ ޓީބިލް ވިއްކާ ވާހަކަ، ޖެހިގެން އަންނަ ދުވަހު އިވެނީ ދައުލަތުގެ އެވެނި މިވެނި ތަންތަން ރަހުނު ކޮށްފަ ފައިސާ ނަގާ ވާހަކަ. މިއީތޯ ރާއްޖެ ދާންވީ މިސްރާބަކީ. ގެޓްލޮސްޓް.