އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފަން އިޒްރޭލުން އީރާނުގެ އެތެރޭގެ އިސްފަހާން އެއާބޭސް އަށް މިސައިލް ހަމަލާއެއް ދީފި ކަމަށް އެމެރިކާގެ މީޑިއާތަކުގައި ރިޕޯޓު ކުރި ނަމަވެސް އީރާނުން ބުނީ އެއީ ހުސް ދޮގު ކަމަށާއި އުދުހުނީ 2 ޑްރޯން ކަމަށެވެ.
އީރާނުގެ ނެޝަނަލް ސައިބާ ސްޕޭސްގެ ތަރުޖަމާން ހޮސެއިން ދަލިރިއަން ވިދާޅުވީ އިސްފަހާނުގެ ބޭރުން ވެސް އަދި އީރާނުގެ ބޯޑަރު ހުރަސް ކޮށްވެސް މިސައިލެއް އައިސްފައި ނުވާ ކަމަށާއި ނަމަވެސް އިސްފަހާނާ ކައިރިން އިޒްރޭލުގެ ދެ ޑްރޯން ދަތުރު ކުރި ކަމަށެވެ.
އެއާއެކި އީރާނުގެ އެއާ ޑީފެންސް ސިސްޓަމް އޮޓޯއިން އެކްޓިވޭޓެވެ އެ 2 ޑްރޯން ވައްޓާލާފައި ވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މި ހަމަލާ އާ ގުޅިގެން އިޒްރޭލުންވެސް އަދި އެމެރިކާގެ ހައިޓްހައުސްގެ އޮފިޝަލަކުވެސް އެއްޗެއް ބުނެފައި ނުވާ އިރު އެމެރިކާގެ ނޫސްތަކުން އެވާހަކަ ބޮޑުކޮށް ކިޔަމުން ދަނީ އިސްފަހާންގެ އެއާބޭސް އަށް އަމާޒުކޮށް މިސައިލް ހަމަލާއެއް ދިނީ ކަމަށެވެ.
އީރާނުގެ އޮފިޝަލުން ބުނީ އެ ޑްރޯން ހަމަލާގައި އެއްވެސް ގެއްލުމެއް ނުވާ ކަމަށާއި މީހަކަށް ވެސް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.
އެ ހަމަލާގެ ވާހަކަ ސީއެންއެން އިން ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ އޮފިޝަލަކާ ހަވާލާ ދީ ކަމަށް ބުނެފައި ވީ ނަމަވެސް އޮފިޝަލުގެ ނަމެއް ހާމަކޮށްގައެއް ނުވެއެވެ. އަދި މިހަމަލާގެ ބޮޑުކަން ނުވަތަ ނުރައްކާ ބޮޑުކަން ދެއްކުމަށް އޮސްޓްރޭލިއާ ފަދަ ގައުމުތަކުން ވަނީ އީރާނުގައި ތިބި އެގައުމުގެ ރައްޔިތުން އަވަހަށް އިޒްރޭލަށް ދިޔުމަށް ގޮވާލައި ބަޔާންވެސް ނެރެފައެވެ.
އިސްފަހާނަށް ހަމަލާ އަމާޒުވި ވަގުތު އެތާނގެ ބައެއް ރައްޔިތުން ވީޑިއޯ ކޮށްފައި ވާ އިރު 3 އެއްޗެއް ގޮވާ މަންޒަރު ފެންނެއެވެ. ނަމަވެސް އީރާނުގެ އޮފިޝަލުން ބުނެފައި ވަނީ އިޒްރޭލުން ފޮނުވާލީ 2 ޑްރޯން ކަމަށެވެ.
ރޭގެ ހަމަލާ އާ ގުޅިގެން އީރާނުން އެތެރޭގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް މިއަދު އާންމު ހަލާތަށް ގެނެސް ދަތުރުތައް އަލުން ވަނީ ފަށާފައެވެ.
އީރާނުން އިޒްރޭލަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމަށް މީގެ ކުރިންވެސް އިޒްރޭލުން ބުނެފައި ވާ އިރު އީރާނުން އޮތީ އެ ވާހަކައަށް ބިނާކޮށް އިޒްރޭލަށް ވަރުގަދަ އިންޒާރު ދީފައެވެ. އީރާނުން ބުނެފައި ވަނީ ބަދަލު ހިފަން އިޒްރޭލުން އީރާނަށް ކުޑަކުޑަ ހަމަލާއެއް ދިން ނަމަވެސް ރައްދުގައި ފޮނުވާލައި މިސައިލް ވަރުގަދަ ވާނެ ކަމަށާއި އިޒްރޭލުގެ ހަމަލާ އީރާނުގެ ނިއުކްލިއަ ފެސިލިޓީއަށް އަމާޒު ވެއްޖެ ނަމަ އިޒްރޭލުގެ ނިއުކްލިއާ ފެސިލިޓީތައް ގޮއްވާލާނެ ކަމަށެވެ. އަދި ނިއުކްލިއާ ހަތިޔާރެއް ހޯދުމަށް އދ އިން އީރާނަށް މަނާކޮށްފައި އޮތް އޮތުން ނިންމާ ނިއުކްލިއާ ހަތިޔާރުވެސް ހޯދާނެ ކަމަށް ބުނެ އިންޒާރު ދީފައި ވެއެވެ.