އުމްރާއަށް މީހުން ގެންދިއުމާ ބެހޭ ގޮތުން ރާއްޖޭގައި އަމަލުކުރަމުން އަންނަ ރަސްމީ އުސޫލުތަކާ ހިލާފަށް މަސައްކަތް ކުރަމުން ދާ ޖަމާއަތެއް [މަޝްއަރު] ގެ މައްސަލަ ފުލުހަށް ހުށަހެޅުމަށް ނިންމާފައި ވާކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިއަދު މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މީހުން އަތުން ލާރި ނަގައި އެއަށް އިހުމާލުވަމުންދާ ޖަމާއަތެއްގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު ފުލުހުންނަށް ހުށަހަޅާނެކަމަށެވެ. އެހެންނަމަވެސް މި ޖަމާއަތާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.
މިނިސްޓަރު ޝަހީމް މި ގޮތަށް ވިދާޅުވެފައިވާ އިރު "އަލް މަޝްރައު ހައްޖު އުމްރާ" އިން ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް ހުއްދަ ނެތި އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަށްޓަކައި، އިއުލާނުކޮށް ފައިސާ ނަގަމުންދާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑީއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މީގެ ކުރިންވެސް ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށް ހުއްދަނެތި ބައެއް ކުންފުނިތަކުން އުމްރާއަށް މީހުން ގެންދަމުންދާ މައްސަލަ ފެންމަތިވެފައިވާއިރު މީގެ ކުރިން މިނިސްޓްރީން ބުނީ އެކަމަކީ ދިވެރހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ 15 ވަނަ މާއްދާގެ (ހ) ގެ ދަށުން މަނާކަމެއްކަމަށެވެ. ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ލިބިގެން މެނުވީ އެއްވެސް ކުންފުންޏަކުން، އެއްވެސް ފަރާތެއް ނުވަތަ ބައެއްގެ އަތުން އުމްރާއަށް ގެންދިއުމަށް ފައިސާ ނަގައިގެން ނުވާނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފާހަގަކޮށް އެ މިނިސްޓްރީއިން ބުނީ ހުއްދަ ނެތި، ނުވަތަ އުމްރާގެ ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްވާންސްކޮށް ފައިސާ ނެގުމަކީ ވެސް އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އުފުލަންވާނީ، އެ ފަރާތްތަކުން ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި އެއީ މަނާ ކަމެއް ކަމުގައިވާތީ، އެކަން އެގޮތަށް ނުކުރުމަށާއި، އެފަދަ ފަރާތްތަކަށް އުމްރާގެ އަޅުކަން އަދާކުރުމަށް ފައިސާ ނުދެއްކުމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން މިނިސްޓްރީން ވަނީ އުމްރާއަށް ދިއުމަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދީފައިވާ ކުންފުނިތައް ހިޔާރު ކުރުމަށް އެދިފައެވެ.