އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ގޮތް ހުސްވުމުން ދޮގު ހަދައިގެން ތުހުމަތުތަކެއް އަޅުވަން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށާއި އެމްޑީޕީން އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، މިރޭ ގަލޮޅު ދެކުނު ދާއިރާގައި ބޭއްވި ކެމްޕެއިން ހަރަކާތުގައި އެ ދާއިރާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ހާސިލް ކުރަން ބޭނުންވާ ތިން ކަމަކީ ތަރައްގީ ގެނެސްދިނުމާއި، ގައުމުގައި ހަމަޖެހުން ގާއިމް ކުރުމާއި ގައުމުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ. މިކަންކަން ހާސިލް ކުރުމަށް އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު، އެ ކަން ހަގީގަތަކަށް ވާތަން ފެންނަން ފެށުމުން އިދިކޮޅުން އަންނަނީ އެކި ކަހަލަ ވާހަކަތައް ދައްކައިގެން އެކި ކަހަލަ ތުހުމަތުތައް އަޅުވަން މަސައްކަތް ކުރަމުން ކަމަށެވެ.
މި ސަރުކާރުން ވައުދުތައް ފުއްދަމުން އަންނާތީ، އެމީހުންގެ ކުރީގެ އުކުޅުތައް ބޭނުން ކޮށްގެން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރަމުން އަންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން މޭޔަރު އިންތިހާބުގައި ވެސް ހުރަސް އެޅުމަށް އެކި ކަހަލަ ތުހުމަތުތައް އަޅުވައި ޝަރީއަތާ ހަަމައަށް ވެސް މައްސަލަތައް ގެންދިޔަ ކަމަށާއި ނަމަވެސް އެއިން އެއްވެސް ކަމެއް ސާބިތު ނުކުރެވުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއަށް ފަހު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެސް، އެކި ކަހަލަ ބުހުތާނު ދޮގު ވާހަކަ ދައްކައިގެން އެމަނިކުފާނުގެ އަގު ވައްޓާލަން މަސައްކަތް ކުރި ކަަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ނުކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ރައްޔިތުންގެ ހައްގެއްގައި އަދި ރައްޔިތުންގެ މުދަލެއްގައި ޖެހިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އެއަށް ވުރެ މާތް ﷲ ގެ ފުއްސެވުމާއި ރުއްސެވުން ލިބުން އެއީ މާ މުހިއްމު ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މި ގައުމުގައި ހަމަޖެހުން ގާއިމް ކުރުމަށް ގައުމުގެ އެންމެން ވަރަށް ސީރިއަސް ކަމާ އެކީގައި އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ގައުމަށް ތަރައްގީ ގެނައުމަށް ބްރިޖާއި މަގާއި ގެދޮރުވެރިކަމުގެ އުމްރާނީ ތަރައްގީގެ ކިތަންމެ މަޝްރޫއެއް ހިންގި ނަމަވެސް މި ގައުމުގައި ހަމަޖެހުން ނެތި ހާސިލް ވާނެ ތަރައްގީއެއް ނެތް ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ދިވެހިންނަކީ ފަރުދީ ޒިންމާ އަދާ ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށާއި މަޖިލީހަށް ގަޑުބަޑު ހަދައި ހަމަޖެހުން ނަގާލައި ތަޅާފޮޅާ ބަޔަކު ވެއްދުމަކީ ހަމަޖެހުން ގާއިމް ކުރެވެނޭ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސިޔާސަތަކީ ހަމަޖެހުން މި ގައުމުގައި ގާއިމް ކުރުން ކަމަށާއި މިއަދާ ހަމައަށް އައި އިރުވެސް އެމަނިކުފާނުގެ ފަރާތްޕުޅުން ބަދަލު ހިފުމުގެ ރޫހުގައި ކަމެއް ކުރެއްވިތަން ނުފެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުރީގައި ރައީސް ކަން ކުރެއވި ބޭފުޅުންނާއި މިނިސްޓަރުކަން ކުރެއްވި ބޭފުޅުން ގެންގޮސް ހައްޔަރު ކުރިތަން މި ސަރުކާރުގައި ނުފެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފާޑުވިދާޅުވަމުން މިހާރު އެމްޑީޕީން މި ސަރުކާރަށް ފަޑުކިޔައި ދައްކަމުން ދާ ވާހަކަތަކަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، މީގެ ކުރިން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް އިދިކޮޅުން ބުނަމުން އައި ނަމަވެސް މިހާރު އެ ރާގު ބަދަލުވެއްޖެ ކަމަށެވެ. މިހާރު ފާޅުގައި އެމްޑީޕީން ބުނަމުން އަންނަނީ މި ސަރުކާރު ވައްޓާލަން ޖެހޭ ކަމަށެވެ. ސަރުކާރު ޖަވާބު ދާރީ ކުރުވަން ޖެހޭނެ ކަމަށާއި ނަމަވެސް އިދިކޮޅުން "ޖަވާބުދާރީ ކުރުވުން" މި ލަފްޒު ބޭނުން ކުރަނީ ސަރުކާރު ވައްޓާލުމުގެ މާނައިގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެމްޑީޕީން މަސައްކަތް ކުރަމުން އެ އަންނަނީ މި ގައުމުގައި ގާއިމް ކުރަމުން އަންނަ ހަމަޖެހުން ރޫޅާލައި ކުރީގައި އޮތް ބަދަލު ހިފުމުގެ ރޫހު ދިރުވުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އިދިކޮޅުން އެކުރާ ކަންކަމުގެ ތެރެއަށް ހެއްލި މި ގައުމުގެ ހަމަޖެހުން ނަގާލުމަށް އެ ފުރުސަތު ނުދިނުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އެހެންކަމުން ގައުމުގެ މިނިވަންކަމާއި ހަމަޖެހުމާއި ރައްކާތެރިކަމާއި ތަރައްގީއަށް ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ވަނީ އެދިވަޑައިގަތެވެ.
ވޭތުވެ ދިޔަ 5 އަހަރުގައި މާލޭގެ ރައްޔިތުންނަށް މިހާ ފަރުވާ ކުޑަކޮށް ކަން ކުރި ބަޔަކަށް ވޯޓު ދިނުމަކީ އެއްވެސް ބޭނުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް ގެނެސްދިން ރައްޔިތުން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާނެ މަޖިލީހެއް ގެންނަން މަސައްކަތް ކުރާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގެ ގެދޮރުގެ މައްސަލަ ހައްލު ކުރެވޭނެ ގޮތަށް ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭނެ ކަމުގެ ޔަގީންކަން އެ ބަ އޮތް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މީގެ ކުރިން ހިޔާ ސަރަހައްދުގައި ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި މުއިއްޒު ވަނީ އެމްޑީޕީން މި ސަރުކާރަށް ކުރަމުންދާ ތުހުމަތުތައް ދޮގުކޮށް ހިސާބު އަކުރުން ބައެއް މަޝްރޫއުތައް ކުރިއަށް ދާ ގޮތުގެ ތަފްސީލް ހާމަ ކުރައްވާފައެވެ. އެ ގޮތުން މިދިޔަ ސަރުކާރު ނިމުން އިރު ހުއްޓާލާފައި އެތައް މަޝްރޫއެއްގެ ވާހަކަ މުއިއްޒު ހިއްސާ ކުރެއްވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް އެ މަޝަރޫއުތައް ހުއްޓާލަން ޖެހުނު މައްސަލަތައް ހޯދައި ބެލުމަށް ފަހު އެތައް މަޝްރޫއެއް ފަށައިގެން ކުރިއަށް ގެންގޮސްފައިވާ ކަން އެ އަދަދުތަކުން ހާމަކޮށްދެއްވާފައި ވެއެވެ.
މިރޭ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވެސް މުއިއްޒު ވަނީ އެ ދުވަހަށް ވުރެ މިހާރު ފަށައިގެން ކުރިއަށް ގެންދާ މަޝްރޫއުތައް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މަޝްރޫއުތަކުގެ އަދަދުތަކުގެ ތަފްސީލެއް ނުދެއްވައެވެ. އެ މަޝްރޫއުތަކުގެ ތެރޭގައި އަލަށް ފަށައިގެން ކުރިއަށް ގެންދާ އެތައް މަޝްރޫއުތަކެއް ހުރިކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މިދިޔަ ސަރުކާރުން ހުއްޓާލި އެތައް މަޝްރޫއެއް ވެސް މި ސަރުކާރުން ފަށައިގެން ކުރިއަށް ގެންދާ އިރު، އަދި އަލަށް އެތައް މަޗްރޫއެއް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާ އިރު، މި މަޝްރޫއުތަކަށް ހުރަސް އަޅާ ބަޔަކު މަޖިލީހަށް ހޮވުމަށް ވޯޓު ދިނުމަކީ އެއްވެސް ގޮތެއްގައި ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން މަޖިލީހުގެ 93 ދާއިރާއިން ރާއްޖެއަށް ތަރައްގީ ގެނައުމަށް މި ސަރުކާރާ އެކުގައި މަސައްކަތް ކުރާ ކެންޑިޑޭޓުން ހޮވައި ދިނުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.