އެމްޑީޕީއިން އެންޓި ކެމްޕެއިން ކުރަމުންދާ މައްސަލަ ޕީއެންސީއިން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ޕީއެންސީން ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ބައްދަލުވުމުގައި ކެމްޕެއިން ތަރުޖަމާނު އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވަނީ އެކަން ހާމަ ކުރައްވާފައެވެ.

ހީނާ ވިދާޅުވީ އެމްޑީޕީއިން ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އެގޮތުން މާލޭ މަގުތަކުގައި ދަމާފައި ހުރި ބެނާތަކާއި ހަރުކޮށްފައި ހުރި ޕޯސްޓަރުތަކުން އެންޓި ކެމްޕެއިންއަށް މަގުފަހިވާ އެތައް ކަމެއް ފެނިގެން ގޮސްފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރާއިރު އެ ފަރާތްކުގެ ސިޔާސަތު ވިއްކުމަށް ހީނާ ވަނީ ގޮވާލައްވާފައެވެ. އަދި ރައްޔިތުންނަށް ކޮށްދޭނެ ކަންކަމުގެ ވާހަކަ ދެއްކުމަށާއި އެންޓި ކެމްޕެއިން ނުކުރުމަށް ހީނާ ވަނީ އެދިލައްވާފައެވެ.

ހީނާ އިތުރަށް ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކުގެ އެއްވެސް ކަހަލަ އަމާޒެއް ނެތް ކަމަށެވެ. އަދި އެންޓިކެމްޕެއިން ކުރުމަކީ ޑިމޮކްރަސީގެ ނިޒާމެއްގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ކަންތައް ކުރާ އުސޫލެއް ނޫން ކަމަށެވެ.

މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ސުޕާ މެޖޯރިޓީއާއެކު 5 އަހަރުގެ ދައުރެއް އެމްޑީޕީއަށް ލިބުމުން ކަންތައް ކުރެއްވި ގޮތަށް ހީނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިސްލާމް ދީނާ އިހާނެތިކޮށް ހިތި މައްސަލަތަކާއި އެމްޑީއެންގެ މައްސަލަތައް ވެސް ބެލިފައިނުވާ ކަމަށާއި އެފަދަ މައްސަލަތައް އޮއްބާލަން އެމްޑީޕީއިން މަސައްކަތް ކުރި ކަމަށް ހީނާ ވިދާޅުވިއެވެ.