ގައުމުން ބޭރުގައި އީރާނުގެ ކުންފުނިތަކުން ހިންގާ އެންމެ ބިޔަ އެއް މަޝްރޫއު އިފްތިތާހު ކުރާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް އިރާނުގެ ރައީސް އެބްރާހިމް ރައީސީ ލަންކާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ލަންކާގެ ނޫސްތަކާއި އީރާނުގެ ނޫސްތަކުގައި ބުނީ, ރައީސީގެ މިދަތުރު ހަމަޖެހިފައިވަނީ މިނަހުގެ 24 އަށް ކަމަށެވެ.

އީރާނުގެ ކުންފުނިތަކުން ލަންކާގެ ވެރިރަށް ކޮލަމްބޯގެ އިތުރު ދެކުނުން 200 ކިލޯމީޓަރުގައި ހިންގާ މަޝްރޫއަކީ, "އުމާ އޮޔާ މަލްޓިޕާޕޯސް" ޕޮރޮޖެކްޓުތަކެއް ހިމެނޭ މަޝްރޫއެކެވެ. އޭގެ ތެރޭގައި ދެ ޑޭމެއް ހެދުމާއި ފެން ފޮނުވުމަށް 25 ކިލޯމީޓަރުގެ ޓަނަލެއް ހެދުން ހިމެނެއެވެ. މި މަޝްރޫއުރަކަކީ ލަންކާގައި ފައްކާ ކުރަމުންދާ 5000 އޭކަރުގެ ދަނޑުބިންތަކަށް ބޭނުންވާ ފެނާއި ހަކަތަ ފޯރުކޮށްދިނުމަށް ހިންގާ މާސިންގާ މަޝްރޫއެކެވެ. މި މަޝްރޫއު ނިމޭއިރު އަހަރެއްގެ މައްޗަށް 145 މިލިއަން ކިއުބިކް މީޓަރުގެ ފެން ފޯރުކޮށް ދިނުމާއެކު ހައިޑްރޯ އެނާޖީގެ ގޮތުގައި އަހަރަކު 290 ގިގަވޮޓް ގެ ކަރަންޓް އުފެއްދޭނެ ނިޒާމުވެސް ފުރިހަމަވެގެން ދާނެ ކަމަށް ބުނެއެވެ.

އީރާނުގެ ރައީސް ލަންކާއަށް ވަޑައިގަންނަވާ މި ދަތުރުގައި ދެގައުމުގެ ޖަލުތަކުގައި ބައްދު ކޮށްފައި ތިބި ދެގައުމަށް ނިސްބަތްވާ މީހުން ދޫކޮށްލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް ހަމަޖެހިފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.

ލަންކާގައި އީރާނުގެ މަޝްރޫއުތައް މީގެ ކުރިން ހިންގާފައި ނުވާހާ ފުޅާކޮށް ހިންގާ މި ބިޔަ މަޝްރޫއަކީ ލަންކާއަށާއި އީރާނަށް މުހިންމު މަޝްރޫއެކެވެ. ދުނިޔޭގެ ފިއްތުންތަކުގެ ކުރިމަތީގައި ބައުނަލްއަގުވާމީ މައިދާނުގައި އީރާނަށް ލިބިފައިވާ މިފުރުސަތަކީ ރަނުގެ ފުރުސަތަކަށް ވާއިރު ލަންކާއިން މިފުރުސަތުގެ ބޭނުން ހިފާ އަނެއް ސަބަބަކީ ލަންކާގައި އުފައްދާ ސައިފަތް އީރާނަށް ބޭރުކުރުމަށް ފުރުސަތު ހޯދުން ކަމަށް ވެސް ބުނެއެވެ.

ލަންކާއަށް އީރާނުގެ ރައީސް ވަޑައިގަންނާވާ އިރު އީރާނަކީ މެދުއިރުމަތީގައި ހުޅަނގުގެ ރާޑަރުތަކުގެ ދަށުގައި އޮންނަ ގައުމެކެވެ. މިހަފްތާގައި އީރާނުން އިޒްރޭލަށް ހަމަލާ ދިނުމާއެކު އީރާނަށާއި އެގައުމުގެ އޮފިޝަލުންނަށް އޮތް ނުރައްކާ ބޮޑުވެފައި ވީ ނަމަވެސް ރައީސީ ގެ މިދަތުރު ހަމަޖެހިފައި އޮތް ގޮތަށް ކުރިއަށް ދާނެ ކަމަށް ދެގައުމުގެ އިދާރާތަކުން ބުނެއެވެ.