ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފުލުހުންގެ އިސްވެރިންތަކެއް ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭގޮތަށް އަމަލު ކޮށްފައިވާކަމަށް މިއަދު އެ ކޯޓުން ބުނެފިއެވެ.

ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އެކަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުނުވުމާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި މި މަހު ހަތަރުވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ވަރަށް ގިނަ ތަފުސީލުތައް ވަނީ ހާމަކޮށްފައެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، ހޯމް މިނިސްޓަރު އިހުސާން، ދިވެހި ފުލުހުންގެ ޗީފް ސުޕްރިޓެންޑެންޓް އަހްމަދު ޝާކިރު، ޗީފް އިންސްޕެކްޓަރު އަހްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫހު ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާ، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލުމާ އަދި ކޯޓު ހުރުމަތް ކަނޑާލާފައިވާކަމަށެވެ.

އެހެންކަމުން އެ މައްސަލައާ މެދު ގޮތެއް ނިންމަން ބުރާސްފަތި ދުވަހުގެ 13:00 އަށް ގާޒީންގެ ކުއްލި މަޖިލީހެއް އެޖެންޑާ ކޮށްފައި ވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން 2021 ވަނަ އަހަރު ހިންގި އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ކުށް ސާބިތުވެފައިވަނީ އެންމެ މީހެއްގެ މައްޗަށެވެ. މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ މައްޗަށެވެ.