ޕީއެންސީގެ ގެތަކަށް އެކަނި ކަރަންޓު ދޫކުރުމަށް ހއ. ދިއްދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖާ އަބްދުﷲ ރަޝީދު ގޮވާލި ގޮވާލުން ޕީއެންސީއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ކަރަންޓު ދޫކުރަންވީ ހަމައެކަނި ޕާޓީގެތަކަށް ކަމަށް އަބްދުﷲ ރަޝީދު ގޮވާލާފައި ވަނީ ރޭ ބޭއްވި ޕީއެންސީގެ ޓިކެޓުގައި ދިއްދޫ ދާއިރާއަށް ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރޭ ބޭއްވި ޖަލްސާގައި އޭނާ ވަނީ ކަރަންޓު ދޭކަން ވެސް ނަސީބެއް ކަމަށާއި، ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށް ބުނެފައެވެ. އަދި އިންތިހާބު ނިމެންދެން ކަރަންޓު ދޫކުރަންވީ ސީދާ ޕާޓީ މީހުންނަށް އެކަނި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޕީއެންސީއިން ބުނީ ރޭ ދިއްދޫގައި ބޭއްވި ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި އެ ރަށުގެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ އަބްދުﷲ ރަޝީދު "ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީގެތަކަށް" ކަމަށް ބުނެ ދެއްކި ވާހަކަތައް ވަރަށް ހަރުކަށިކޮށް ކުށްވެރި ކުރާ ކަމަށެވެ. އަދި އޭނާ ދެއްކި ވާހަކަތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ނޫން ކަމަށެވެ.

ރައީސް މުއިއްޒުގެ ސިޔާސަތަކީ ވަކި ފިކުރަކަށް ނުބަލާ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި އެ ޕާޓީއިން ބުނެއެވެ.