ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅިފަޅަށް ބަދަލުވުމަށް ހައުސިން މިނިސްޓްރީއިން ހުޅުވާލާފައިވާ ފުރުސަތުގެ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:00އަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އެ މުއްދަތު އިތުރުކޮށްފައި ވަނީ ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާތީ ކަމަށެވެ.

ހައުސިން މިނިސްޓްރީއިން ކުރިންވެސް އިއުލާނުކޮށްފައިވާ ފަދައިން ގުޅިފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް ރިކުއެސްޓް ހުށަހަޅާއިރު ގޯތި ލިބިފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ އިގްރާރު ފުރިހަމަކޮށް ހުށަހެޅުމަށް ސަމާލުކަންދިނުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނަކީ:

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ. ނަމަވެސް މި ގުރުއަތު ނަގާނެ ވަކި ތާރީހެއް މިނިސްޓްރީން އާންމު ކޮށްފައެއް ނުވެއެވެ. ހައުސިން މިނިސްޓްރީން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކަުން ހައުސިން މިނިސްޓްރީގެ އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.