ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާކަމަށާއި، އަދި އެންމެ ދުވަހެއްވެސް ބޭކާރުނުވެ، ފަހަތަށް ނުގޮސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދެއްވުމަށް ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ފ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފީއަލީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަގީގަތަކަށްވުމަކީ، ރައްޔިތުންވެސް އެންމެ ބޭނުންވާ ގޮތްކަމުގައި ގަބޫލުފުޅު ކުރައްވާކަމަށެވެ. އެހެންކަމުން އެކަންކަން ހަގީގަތަކަށް ހެެއްދެވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ ގާތުން ރައްޔިތުންގެ ކަންކަން އޮޅުންފިލުއްވުމަކީ އެމަނިކުފާނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ރައްޔިތުންގެ ކަންކަން ރައްޔިތުންގެ ގާތުން އެނގިވަޑައިގަތުމުން އެކަންކަން އަވަހަށް ތަންފީޒުކުރުމަށް ފަސޭހަވެގެންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައިވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދުމަށް މަސައްކަތްޕުޅުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެހެންމެ ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، އެ ވައުދުފުޅާ އެއްގޮތަށް އެރަށު ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ ރަށު ފަޅުން ގާތްގަނޑަކަށް 15 ހެކްޓަރުގެ ބިމުގެ ޖާގަ އުފެއްދެން އެބައޮތް ކަމަށާއި އަދި އެއަށްވުރެ ބޮޑަށް ހިއްކެންޏާ އެބައިވެސް ހިމެނޭގޮތަށް ހިއްކައިދޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ހަމަ އެހެންމެ އެރަށުގައި މިދިޔަ ސަރުކާރުން ފަށައި ނުނިމި ހުރި މަޝްރޫއުތަކާއި މި ސަރުކާރުން އަލަށް ކުރިއަށްގެންދަން ނިންމާފައިވާ މަަޝްރޫއތައްވެސް ލަސްތަކެއްނުވެ ފެށޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު ކެމްޕެއިނުގެ ތެރޭގަވެސް އެ ވައުދުވިން. ވައުދުވީ ފުއްދުމުގެ ބޭނުމުގައި. އެހެންވީމަ ފީއަލީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާނެ. ހިއްކުނު އެންމެ ބޮޑަކަށް ހިއްކާނަން. ބާކީ ފަޅުތެރޭގަ އޮތް ޖާގައާ އެކީގައި ރައްޔިތުން އެދޭ ގޮތަށް މި މަޝްރޫއު ކުރިއަށް ގެންދާނަން." ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފީއަލި ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހިންގަވާދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ފީއައްޔަކީ، ރައީސުލްޖުމްހޫރިއްޔާ ނިލަންދެ އަތޮޅު އުތުރުބުރީ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އެންމެ ފަހު މަންޒިލެވެ.