އިޒްރޭލުގެ ބިލިއަނަރު އިޔާލް އޮފާ އާއި އާއިލާއިން އިނގިރޭސިވިލާތުގައި ހިންގާ ޒޮޑައިކް މެރިޓައިމް އިން އޮޕަރޭޓް ކުރާ އާގު ބޯޓެއް ހޮރުމޫޒު ކަނޑުއޮޅިން ހިސޯރު ކޮށް އީރާނުގެ ކޮންޓްރޯލަށް ގެންގޮސްފިއެވެ.
ޕޯޗުގީޒުގެ ދިދަ ހުރި އޭރީޒް ބޯޓު އީރާނުން ހިސޯރު ކުރި އިރު ބޯޓު ދަތުރު ކުރަމުން ދިޔައީ ޔޫއޭއީން ފުރައިގެން އިންޑިއާ އަށް ދާށެވެ.
އީރާނުގެ ރިވޮއިލިޝަނަރީ ގާޑުން މި ބޯޓު ހިފަހައްޓާ ކޮންޓްރޯލް ގެނައުމުގެ އޮޕަރޭޝަންގެ ވާހަކަ އީރާނުގެ ގައުމީ ޓީވީން ހާމަ ކޮށްފައި ވާ އިރު, މިއީ އިޒްރޭލުން އީރާނުގެ ކޮންސިއުލޭޓަށް ހަމަލާދީ 11 މީހަކު މަރާލާފައި ވަނިކޮށް މަޝްރަހު އިތުރަށް ހޫނުވެގެން ދާނެ ކަމެއް ކަމަށް މުރާސިލުން ބުނެއެވެ.
މި ބޯޓުގައި ކެޕްޓަނުންނާއި ފަޅުވެރިންނާއެކު ޖުމްލަ 25 މީހުން އެބަތިއްބެއެވެ.
މި ހާދިސާ އާ ގުޅިގެން ޔޫކޭގެ މެރިޓައިމް ޓްރޭޑް އޯގަނައިޒޭޝަނުން ބުނީ, ބޯޓު ހައިކެޖް ކުރި އިރު އޮތީ ޔޫކއޭޖީގެ ފުޖެއިރާގައި 50 ނޯޓިކަލް މޭލު ދުރުގައި ކަމަށެވެ.
އިޒްރޭލުން ބުނީ މިއީ އީރާނުން ހިނާގާ ކަނޑުފޭރޭ އަމަލެއް ކަމަށާއި ބައިނަލްއަގުވާމީ ގާނޫނު ތަކާ ހިލާފު ވެފައި ވާ ކަމަށެވެ.
އެއާއެކު އިޒްރޭލުން ވަނީ, އީރާނުގެ ރިވޮލިއުޝަނަރީ ގާޑަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައެޅުމަށް ޔޫރަޕިއަން ޔޫނިއަނަށް ގޮވާލާފައެވެ.
އިޒްރޭލުން ސީރިއާގައި ހުރި އީރާނުގެ ކޮންސިއުލޭޓަށް ހަމަލާދިން މައްސަލައިގައި ބަދަލު ހިފާނެ ކަމަށް އީރާނުން ބުނެފައި ވާއިރު, އެއީ ތެދެއް ކަމަށް ބުނެ އެމެރިކާއިން ދީފައިވާ އިނޒާރުގެ ސަބަބުން ހުޅަނގުގެ ގައުމުތަކާއި އިންޑިއާ އަދި އެމެރިކާއިން ވަނީ އީރާނާއި އިޒްރޭލަށް ދަތުރު ނުކުރުމަށް އެގައުމުގެ ރައްތިރުންނަށް އަންގާ އެލާޓް ނެރެފައެވެ. އަދި އެމެރިކާގެ އެންމެ ވަރުގަދަ އަސްކަރީ މަނަވަރުތައް އިޒްރޭލާ ކައިރިއަށް ޖައްސާ އީރާނުން ކުރިމަތިވެދާނެ ހަމަލާއަކަށް ދަނީ ތައްޔާރު ވަމުންނެވެ. އެމެރިކާއިން ބުނާ ގޮތުން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އީރާނުން ހަމަލާ ދޭނެ ކަމަށް ބެލެވޭ ކަމުގައި ބުނެފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން އީރާނުން އެއްޗެއް ބުނެފައި ނުވާ އިރު އެގައުމުން ބުނެފައި ވަނީ, އިޒްރޭލުން ކޮންސިއުލޭޓަށް ހަމަލާ ދިނުމަކީ އީރާނަށް ހަމަލާ ދިނުން ކަމަށާއި އެހެން ކަމުން އެގައުމުން ދޭ ހަމަލާ އިޒްރޭލުގެ އެމްބަސީތަކަށް އަމާޒުވެދާނެ ކަމަށެވެ. މިއިންޒާރާއެކު އިޒްރޭލުން މިހާރު ވަނީ, އެމްބަސީތައް ރައްކާތެރި ކުރުމަށް ފިޔަވަޅުތައް އަޅާ, އެތަންތާނގައި ތިބި މުވައްޒަފުން ބިންގަރާސްތަކަށް ވައްދަން ފަށާފައެވެ.