އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އާއި އެމްޑަބްލިޔުއެސްސީއިން މިއަދު ސޮއިކޮށްފިއެވެ.

އަައްޑޫސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، ސ.ހިތަދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 1500 ޓަނުގެ ބޯފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 2000 ޓަނުގެ 3 ތާންގީ އާއި 1000 ޓަނުގެ 3 ތާންގީ އާއި އެކު ޖުމްލަ 6 ތާންގީ ބެހެއްޓުމާއި، ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW100 ސޯލަރ ޕީވީ ސިސްޓަމް ގާއިމްކުރުން ހިމެނެއެވެ.

އަދި ހަމައެހެންމެ މި މަޝްރުއުގެ ދަށުން ސ.ހުޅުމީދޫގައި އާރްއޯ ފެސިލިޓީ ބިލްޑިންގް އިމާރާތް ކުރުމާއި، ބޯހޯލް ތޮރުފުމާއި، ދުވާލަކު 350 ޓަނުގެ ބޯފެން އުފެއްދޭ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކައުކުރުމަށްޓަކައި 1000 ޓަނުގެ 3 ތާންގީ ބެހެއްޓުމާއި ބްރައިން ރިޖެކްޓް ހޮޅި އެޅުމާއި އަދި kW75 ސޯލާ ޕީވީ ސިސްޓަމް ގާއިމްކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުންވެސް ިތަދޫ އާއި ހުޅުމީދޫއަށް ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާއި، ސ.މަރަދޫ، ސ.މަރަދޫ-ފޭދޫ އަދި ސ.ފޭދޫގައި ފެން ރައްކާ ކުރުމަށްޓަކައި 1000 ޓަނުގެ ޖުމްލަ 4 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި ހަމަ މިއާއެކު، މި މަޝްރޫއުގެ ދަށުން، މި ރަށްރަށުގެ ފެނުގެ ނިޒާމް ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީން ޕްރޮގްރާމް ހިންގައިދިނުމާއި އަދި ސްޕެއާ ފޯރުކޮށްދިނުންވެސް ހިމެނެއެވެ.

އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ޖުމްލަ އަގަކީ 282 މިލިޔަން ދިވެހި ރުފިޔާއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފަި ވަނީ 365 ދުވަހުގެ (1 އަހަރުގެ) ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައްޑޫސިޓީގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އަބްދުލް މަތީން މުހައްމަދު އެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އިބްރާހީމް ޠައާމު މުހައްމަދު އެވެ.