ރާއްޖޭގައި ޔަތީމު ކުދިންނަށް ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު ޒަކާތު ހައުސް އިން މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޒަކާތު ހައުސް އިން ޔަތީމު ކުދިންނަށް އެހީވެދޭ ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. ނަމަވެސް މި ނިޒާމާ ގުޅޭ އިތުރު ތަފްސީލެއް ޝަހީމް ހާމައެއް ނުކުރައްވައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފައި ވަނީ މިިދިޔަ ޑިސެމްބަރު މަހު 18 ވަނަ ދުވަހުއެވެ. އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގުމަށް ހަމަޖެހިފައިވާ އިދާރާއެކެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްގީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.