ރޭ އަލިފާނުގެ ހާދިސާ ހިނގި މ. ރަބީއުވިލާ ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދަވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ވަރަށް ބޮޑަށް ބާވެފައި ހުރި މިގޭގެ ހަތަރު ވަނަ ފަނގިފިލާގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ 08:14 އެހާއިރުއެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އެމްއެންޑީއެފްގެ ފަޔަ ފަޔަޓަރުން ވަނީ އަލިފާންގަޑު ކޮންޓްރޯލްކޮށް އެއްކޮށް ނިއްވާލާފައި ވާއިރު އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާވެފައި ނުވެއެވެ.

އެ ހާދިސާއާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޭ އަލިފާނުގެ ހާދިސާ ހިނގީ މީހުން ދިރި ނޫޅާތާ ގިނަ ދުވަސް ވެ، ބޮލަށް ވެއްޓޭ ވަރަށް ބާވެފައިވާ ގެއެއްގައި ކަމަށެވެ. އަދި އެ ގޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނެ ކަމަށްޓަކައި އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްގެންދާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

"މަގުމަތީ ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާވެ ކަމަށްޓަކައި ސަރުކާރުގެ ކަމާ ގުޅުން ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން އެ އިމާރާތް ތަޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށް ގެންދާނަން." އާދަމް ޝަރީފް ވިދާޅުވިއެވެެ.

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ރައީސް ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ރޭގެ މި ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވަޑައިގެން ހާލަތު ބައްލަވާލައްވާފައެވެ. ރައީސް އެ ސަރަހައްދަށް ވަޑައިގެންނެވިއިރު އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައެވެ.

މ. ރަބީއުވިލާ އަކީ ބާވެ ތަޅާލަން ޖެހިފައި ވާތީ މީގެ ކުރިން އިތުރު 10 ގެއަކާއެކު ތަޅާލަ ދޭނެ ބަޔަކު ހޯދަން 2019 ވަނަ ސަރުކާރުން އިއުލާން ކުރި ގެއެކެވެ. އޭރުގެ ހައުސިން މިނިސްޓްރީން ކުރި އިއުލާންގައި ތަޅާލަދޭނެ ބަޔަކު ހޯދަން ހިމަނާފައި ވާ ލިސްޓުގައި ރަބީއުވިލާގެ އިތުރުން ހ. ލޮބީ، ހ. ތަންބީ، ހ. އަސްފަރު، މ. އާޝިޔާމަންޒިލް، މ. ބުރަދަމާގެ، މ. ކައުސަރް، މއ. އެވާގްލޯރީ، މއ. ކަނބާލިފަރު، ހ. ހާޖަރާގެ، ހ. ރުއްދޮށުގެ ހިމެނެއެވެ.