މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމީލް އިސްލާމީ)ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އައްޔަންކުރައްވައިފިއެވެ.

ރާބިތާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަހުސިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިތަތުލް އާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ. އެތަނުގެ ހެޑް އޮފީސް ހުންނަނީ ސައުދީ އަރަބިޔާގެ މައްކާގައެވެ.

މީޑިއާތަކަށް ފޮނުވި މެސެެޖެއްގައި މިނިސްޓްރީން ބުނީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަގުވާމީ ޖަމިއްޔާގެ މަޖިލީހަށް ޝަހީމް އައްޔަންކުރެއްވީ ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ބިން އަބްދުލްކަރީމުލް އީސާ ކަމަށެވެ. ޝަހީމް އަކީ މީގެ ކުރިންވެސް އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުކަމާއި، އޯއައިސީގެ ވޮއިސް އޮފް ވިސްޑަމް ސެންޓަރުގެ އިންޗާޖުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ޝަހީމް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރުކަމާއި، އެ ޔުނިވާސިޓީގެ ޗާންސެލަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ. އަދި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ މުޝްރިފް މުސާއިދުކަމާއި، ވިލާކޮލެޖްގެ ފެކަލްޓީއޮފް ޝަރީއާގެ (ފައުންޑިން) ޑީންކަމުގެ މަގާމުވެސް ޝަހީމް ވަނީ އަދާކުރައްވާފައެވެ.

ދީނީ އަދި އިލްމީ މައުލޫތަކުގައި ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވާ ޝަހީމް ކިޔަވާ ވިދާޅުވީ މަދީނާ ޔުނިވަސިޓީން ނެވެ. ޝަހީމް ވަނީ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައިވެސް ހިމެނިވަޑައިގަންނަވާފައެވެ.