މިދިޔަ ހުކުރު ދުވަހު ހުކުރު ނަމާދު ކުރުން މަނާ ކުރުމަށް ފަހު ރޭގަނޑުގެ އެއްވެސް ނަމާދެއް ނުކުރެވޭ ގޮތަށް ސްރީނަގަރުގެ އެންމެ ބޮޑު މިސްކިތް [ގްރޭންޑް މޮސްކު] ސަރުކާރުން ބަންދު ކޮށްފިއެވެ.

މިސްކިތް ހިންގާ ބަލަހައްޓާ އައުގާފް އަންޖުމަން ޖަމިއާ މަސްޖިގް (އޭއޭޖޭ) އިން ބުނީ، ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު ރޭގަނޑަށް މިސްކިތް ބަންދުކުރަން ސަރުކާރުން އަންގާފައި ވާ ކަމަށާއި ތަރާވީހާއި ދަމުނަމާދުވެސް ނުކުރެވޭނެ ކަމަށް އަންގާފައި ވާ ކަމަށެވެ.

އެ ޖަމާއަތުން ބުނީ އަސުރު ނަމާދަށް ފަހު މިސްކިތް ހުސްކޮށް ތަޅުލާން، އިންޑިއާއިން ކޮންޓްރޯލް ކުރާ ޖަންމު އެންޑް ކަޝްމީރު (ޖޭއެންޑްއެފް) ސަރުކާރުގެ ފުލުހުން އައިސް ބުނި ކަމަށެވެ.

މުޅި މުސްލިމް އުއްމަތުގައި އެ ރެއެއްގެ މާތްކަމާއި ދަރުމައާއި ޘަވާބު ލިބިގަތުމަށް ގަދައަޅާ މަސައްކަތް ކުރަމުން ދާ ލައިލަތުލްޤަދްރު ވިލޭރޭވެސް އަޅުކަމުގައި ތިބުމުގެ ދޮރު ބަންދު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޖޭއެންޑްއެފްގެ ޗީފް މިނިސްޓަރު މެހްބޫބާ މުފްތީ ވިދާޅުވިއެވެ. އެކަމުގައި ސަރުކާރަށް ފާޑުވިދާޅުވެ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، "އަޅުކަން ކުރުމުން މަހުރޫމް ކޮށް، ބިމާއި ހިދުމަތްތަކާއި ދީން ވެސް، ކަޝްމީރުގެ ރައްޔިތުންގެ އަތުން ދެން އަތުލާތީ ކޯއްޗެއް؟" ތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

އިންޑިއާގެ މައި ސަރުކާރުގެ ދަށަށް ކަޝްމީރުގެ އިދާރީ ހިންގުން އޮގަސްޓް 5، 2019 ގައި ބަދަލުކުރުމަށް ފަހު ހުރިހާ މިސްކިތެއް ބަންދުކުރިއެވެ. އެކަން ޖުމްލަ 136 ދުވަހަށް ދެމިގެން ދިޔަ އިރު އެއްވެސް ނަމާދަކަށް މިސްކިތް ހުޅުވުން އޮތީ މަނާކޮށްފައެވެ. އޭއޭޖޭ އިން ބުނާގޮތުން 2019 އިން ފެށިގެން މިހާތަނަށް 110 ހުކުރުގައި ގްރޭންޑް މޮސްކް ވަނީ ބަންދު ކޮށްފައެވެ.

އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބައިމަދު މުސްލިމުންނާ މެދު ތަފާތު ކުރުން ގެންގުޅޭ މައްސަލަ މިފަހުން ދަނީ އިތުރުވަމުންނެވެ. އެގޮތުން މުސްލިމުން ދީނީ އަޅުކަމަށް ބޭނުން ކުރާ މިސްކިތްތަކަށް އަމާޒުކޮށް ހަމަލާތައް ދިނުމާއި ބައެއް މިސްކިތްތައް ތަޅާ އެތަންތާނގައި ހިންދީ ފައްޅި އެޅުންފަދަ ކަންކަން ދަނީ ހިންގަމުންނެވެ. އަދި މުސްލިމުންގެ ވިޔަފާރިތަކާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ޖިސްމާނީ އަނިޔާ ދީ ފުރާނައަށް ނުރައްކާ ކުރުވާފައި ވެސް ވެއެވެ.

އިންޑިއާގައި މި މައްސަލަތައް ބޮޑުބެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އިންސާނީ ހައްގުތަކުގެ ދަރަޖަ ކުރާ މިންގަނޑުގައި އިންޑިއާ ދަށަށް ގޮސްފައި ވުމުން މިހާރު އިންޑިއާއިން މަސައްކަތް ކުރަނީ އެމީހުން އަމިއްލަައަށް ދަރަޖައެއް ހަދާށެވެ.