ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގައި އަރަބި މާއްދާ ކިޔަވައި ދެއްވާ ޕްރޮފެސަރު ޑރ. ހަސަން އަލް ކޯދީގެ އާއިލާ ގާޒާ އިން ނެރުމަށް ބޭނުންވާ ފައިސާ ހަދިޔާކޮށްފިއެވެ.

ހަސަން އަލް ކުރުދީއަށް ރުފިޔާ ހަދިޔާކޮށްފައިވަނީ ދިވެހި ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ. އެ އާއިލާ ދިރިއުޅެމުން އަންނަނީ ގާޒާގެ ރަފަހުގަ އެވެ.

ހަނގުރާމައިގެ ތެރެއިން ނުކުތުމަށް އާއިލާގެ ފަރާތުން އެހީތެރިކަމަށް އެދުނީ ޑރ. ކުރުދީގެ އަންހެން ދަރިފުޅު މިންނާ އަލް ކުރުދީ އެވެ. އޭނާ ވަނީ ފައިސާ އެއްކުރަން އެހީވެދޭ 'ގޯ ފަންޑް މީ'ގައި އެކަމަށް ޕޭޖެއް ހުޅުވައިފަ އެވެ. އަދި އޭގެ ފަހުން ހަސަން އަލް ކުރުދީ ވަނީ އައިއޭސީގެ އެހީތެރިކަމަށްވެސް އެދިފައެވެ. އެކަމާ ގުޅިގެން އޭނާ އަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ މީގެ ކުރިން ބުނެފައެވެ.

ހަސަން ކުރުދީ އަދި އޭނާގެ އާއިލާ

އައިއޭސީ އިން އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ، ޑޮކްޓަރުގެ އާއިލާ ގާޒާ އިން ނެރުމަށް ކުރަންޖެހޭ ހަރަދުތަކަށް ދައްކަން ޖެހޭ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ހަމައެހެންމެ އެ އާއިލާ މިސްރަށް ގެންދިއުމަށް ފަހު، އެ މީހުން ރާއްޖެ އަށް ގެނައުމަށް ކުރަންޖެޙޭ ހަރަދުތައް ވެސް އައިއޭސީ އިން ކުރާނެކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އައިއޭސީ އިން ވަނީ މީގެ ކުރިން 18 މާޗުގައި ޑރ. ކުރުދީގެ އާއިލާއަށް ކާބޯތަކެތީގެ އެހީތެރިކަން ވެސް ފޯރުކޮށްދީފައެވެ. ޑރ. ކުރުދީ ވެސް މިހާރު ހުންނެވީ އޭނާގެ އާއިލާ ރަފަހުން ނެރެވޭތޯ މަސައްކަތް ކުރުމަށްޓަކައި މިސްރުގަ އެވެ.

ހަސަންގެ އަންބަކާއި 4 ކުދިން ތިބޭއިރު އެ އެންމެން ނެރުމަށްޓަކައި 54،000 ޑޮލަރު ބޭނުންވެއެވެ. ހުސްވި އަހަރުގެ އޮކްޓޯބަރު މަހު ފެށި އެ ހަނގުރާމައިގައި އެ އާއިލާ ވަނީ އެތައް ފަހަރަކު މަރާ ހަނގުރާމަކޮށްފައެވެ.

މީގެ ކުރިން އެ އާއިލާ ރާއްޖެ އައިސްފައިވާއިރު އެ އާއިލާ ބޭނުންވަނީ މިހާރު ރާއްޖޭގައި އުޅުމަށެވެ. ހަސަން ވަނީ ރާއްޖޭގައި 8 އަހަރުވަންދެން ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.