އިންޑިއާ ސަރުކާރުން އަމުރު ކޮށްގެން ޕާކިސްތާންގައި 20 މީހަކު މަރާލި ކަމަށް ގާޑިއަންގައި ކުރި ރިޕޯޓަކާ ގުޅިގެން ވާހަކަ ދައްކަވަމުން، ޓެރަރިސްޓުން މަރަން ޕާކިސްތާނަށް ވަންނަން ޖެހޭނަމަ ވަންނާނެ ކަމަށް އިންޑިއާއިން ބުނެފިއެވެ.
އިންޑިއާގެ ދިފާއީ ވަޒީރު ރާޖްނާތް ސިންގް ވިދާޅުވީ، "20 ކީއްކުރަން، އަވައްޓެރި ގައުމަކުން އަހަރެމެނަށް އުނދަގޫ ކުރާންޏާ އަދި އަހަރެމެންގެ އިމުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލު ހިންގާ، ފިލަން އެކަކު ޕާކިސްތާނަށް ވަނަސް އެމީހަކު މަރަން އަހަރެމެން ޕާކިސްތާނަށް ވަންނާނަން"
އޭނާ ވިދާޅުވީ މީގެ ކުރިން "ގަރްމޭ ގުސްކޭ މާރޭނގޭ" އޭ ބޮޑުވަރީޒު ނަރެންދްރަ މޯދީ ވިދާޅުވެފައި ވާ ކަމަށާއި އެއީ ސީދާ ތެދު ވާހަކަފުޅެއް ކަމަށެވެ. "ގަރްމޭ ގުސްކޭ މާރޭނގޭ" ގެ މާނަ އަކީ "ގެއަށް ވަދެ މަރާލާނެ" ކަމަށެވެ.
ރާޖްނާތް ވިދާޅުވީ އިންޑިއާގެ އަތުގައި އެހާ ބާރު އެބަހުރި ކަމަށާއި ޕާކިސްތާނަށް ވެސް އެކަން އެނގޭނެ ކަމަށެވެ.
އިތުރަށް އޭނާ ވިދާޅުވީ އިންޑިއާއިން ބޭނުންވަނީ އަވައްޓެރިންނާއެކު ބަދަހި ގުޅުމެއް ކަމަށާއި މާޒީއަށް ބެލިނަމަވެސް ފެންނަން އޮންނާނީ އެމަންޒަރު ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ އެނާ ވިދާޅުވީ އެއްވެސް ގައުމަކަށް އަރާ އިންޗިއެއްވެސް ހިފާފައި ނުވާނެ ކަމަށާއި އިންޑިއާގެ ރީތި ސިފައަކީ އެއީ ކަމަށެވެ.
"ނަމަވެސް އިންޑިއާއަށް އަރާ ނުވަތަ ޓެރަރިސްޓް ހަމަލާއެއް ދީ ސަލާމަތުން ތިބެވިދާނެ ކަމަށް ހީނުކުރާތި"
އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަތަކާ ގުޅިގެން ޕާކިސްތާނުން ބުނީ އެއި ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގެއްލިގެން ދާނެ ކަމެއް ކަމަށާއި ދެފަރާތުގެ ދެމެދުގައި ކުރެވޭ މުއާމަތާތްތަކަށް ދުރުމުސްތަގުބަލުގައި އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އިތުރަށް ބުނީ، ދުޝްމަނުންގެ ފަރާތުން އަތުވާނެ ކޮންމެ ފަދަ ހަމަލާއަކުން ގައުމު ދިފާއު ކުރުމުގައި ޕާކިސްތާން އޮންނާނީ ހުޝިޔާރު ވެ ކަމަށެވެ.
ޕާކިސްތާންގައި 2023 ވަނަ އަހަރު 6 މީހަކު އަދި 2022 ގައި 2 މީހަކު މަރާލާފައި ވެއެވެ. އިންޓެލިޖަންސް ރިޕޯޓުތަކާ ހަވާލާދީ ރިޕޯޓު ކޮށްފައި ވަނީ އެ އަމަލު ހިންގާފައި ވަނީ ގައުމުން ބޭރު [އިންޑިއާ] ގެ ޖާސޫސުން ކަމަށެވެ.
2019 ވަނަ އަހަރު އިންޑިއާގެ ކަޝްމީރުގެ އިންޑިއާ ފަޅިން ދުއްވާފައި ދިޔަ އަސްކަރީ ވެހިކަލަކަށް އަމާޒުކޮށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީ އެހަމަލާގައި ބައިވެރިވި ބައެއް މީހުން ޕާކިސްތާނަށް ފިލަން ވަން މައްސަލައެއް ފެންމަތިވިއެވެ. ރައްދު ދިނުމުގެ ގޮތުން އިންޑިއާގެ އަސްކަރީ ޖެތްތަކުން ވަނީ ޕާކިސްތާންގައި އެ ހަނގުރާމަވެރިން ތިބިކަމަށް ބެލެވޭ ތާކަށް ހަމަލާ ދީފައެވެ.
އިންޑިއާއިން އެކިއެކި ގައުމުތަކުގައި މީހުން މަރާ ކަމުގެ ތުހުމަތު ކުރަމުން ދާ ވަގުތެއްގައި ޕާކިސްތާނުން ބުނީ، އިންޑިއާގެ އެޖެންޓުން ޕާކިސްތާނަށް ވަދެ މިއަހަރުގެ ތެރޭގައި ދެމީހަކު މަރާލިކަމުގެ ހެކި ލިބިފައި ވާ ކަމަށެވެ.
ކެނެޑާ އާއި އެމެރިކާއިން ވެސް ވަނީ، އެގައުމުގައި ދިރިއުޅޭ އިންޑިއާއިން ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައި ވާ މީހުން މަރަން އިންޑިއާގެ އެޖޭންޓުން ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކޮށްފައެވެ. ނަމަވެސް މިވާހަތައް އިންޑިއާ އިން ދޮގު ކުރެއެވެ.