އިންޑިއާގެ އާންމު އިންތިހާބު ބޯމަތިވެފައި ވާ އިރު, އިދިކޮޅު ކޮންގްރެސް ޕާޓީގެ މެނިފެސްޓޯގައި އިންޑިއާއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ގުޅުން ބަދަހިކުރަން ހިމަނައިފިއެވެ.
އެގޮތުން ބުނެފައި ވަނީ, އިންޑިއާގެ މިހާރުގެ ސަރުކާރުގެ ފަރާތްތަކުން ގެންގުޅޭ 'ރާއްޖެ ބޮއިކޮޓް ކުރުމުގެ ސިޔާސަތު' ކޮންގްރެސްގެ ވެރިކަމެއްގައި ނިމުކަށް ގެނެސް ގުޅުންތައް ހަރުދަނާ ކުރާނެ ކަމަށާއި އިންޑިއާ އާއި ޗައިނާ އާ ދެމެދު އަރާރުން ވަމުން ދާ ބޯޑަރުގެ މައްސަލަވެސް ހައްލުކުރާނެ ކަމަށެވެ.
ކޮންގްރެސް އިން ބުނީ, ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި ފޯރި މެރުން ކުރިން އޮތް ގޮތަށް އިއާދަ ކުރާނެ ކަމަށާއި މިހާރު އިންޑިއާގެ ސިފައިންނަށް ނުވަދެވޭ ސަރަހައްދުތަކަށް ވަދެވޭނެ މަގުން ދޫދީ ކަންކަން ހަމަ މަގަށް އަޅުވާނެ ކަމަށެވެ.
"އިންޑިއާގެ އަވަށްޓެރިންނާ މެދު ގުޅުންތައް ބަދަހި ކުރުމަށް ކޮންގްރެސް އިން ހާއްސަ ސަމާލުކަމެއް ދޭނެ, އެ ގޮތުން ނޭޕާލާއި ބޫޓާނާއެކުވެސް ގުޅުންތައް އިތުރަށް ބަދަހިކޮށް ހަރުދާނާ ކުރާނެ, އަދި ބަންގްލަދޭޝް އާއެކު އޮންނަ ގުޅުންތައް އިތުރު އުސްމިންތަކަކަށް ގެންގޮސް ސަގާފީ އަދި އިގްތިސޯދީ ދާއިރާއިން ކުރިއެރުންތައް ހޯދާނެ"
ހަމަ އެގޮތަށް ލަންކާ އާއެކު ވިޔަފާރިއާއި ސިޔާސީ ގުޅުންތައް ހަރުދަނާ ކޮށް ޓެމިލް ދަރިކޮޅުގެ މީހުންނާއި ލަންކާގެ ސަރުކާރާ ދެމެދު އޮތް ނުތަނަވަސްކަން ނިމުމަކަށް ގެންނަން މަސައްކަތް ކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ގުޅުން ހީނަރުވެފައި ވާ ރާއްޖެއާ ގުޅުން ބަދަހިކޮށް ކުރިއަށް ދާނެ ކަމަށާއި މިޔަންމާގައި އުފެދިފައިވާ އިންސާނީ ހައްގުތަކުގެ މައްސަލަތަކަށް ވެސް ހައްލު ގެންނާނެ ކަމަށް ބުނެފައި ވެއެވެ.
ޕާކިސްތާނާ ގުޅޭ ގޮތުން ކޮންގްރެސްގެ މެނިފެސްޓޯގައި ބުނެފައި ވަނީ އެކަން ބިނާ ވާނީ ބޯޑަރު ހުރަސް ކޮށް ހިންގާ ޓެރަރިޒަމްގެ މައްސަލަތައް ނިންމުމުގައި ޕާކިސްތާނުން ގެންގުޅޭ ސިޔާސަތެއްގެ މައްޗަށް ކަމަށެވެ.
ކޮންގްރެސް އިން ބުނީ, ގައުމީ ސަލާމަތް ކަށަވަރު ކުރެވެނީ ގަދަބާރު ދައްކާ މޭދިއްކޮށްގެން ނޫން ކަމަށާއި ބޯޑަރުގެ މައްސަލަ ހައްލުކުރުމާއެކު ދިފާއީ ތައްޔާރީތައް ފުރިހަމަ ކުރުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ޕޮލިސީތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް ޗައިނާ އާއި އިންޑިއާ އާ މެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރާނެ ކަމަށެވެ.
ކޮންގްރެސްގެ މެނިފެސްޓޯގައި ރާއްޖެއާ ގުޅުން ބަދަހި ކުރަން ހިމަނާފައި ވާ އިރު, އިންޑިއާގެ މިހާރުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސް ސިވިލިއަނުން [އާންމުންގެ މީހުން] ގެނައުމަށް އެއްބަސްވެ އެ މަސައްކަތް ފަށާފައެވެ.
ރާއްޖޭގައި ދުއްވާ 2 ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމުގެ ނަމުގައި އިންޑިއާގެ 88 ސިފައިން ރާއްޖޭގައި ހަރަކާތްތެރި ވަމުން ދިޔުމުން, އެމީހުން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުފުދުޅެކެވެ.