އިންޑިއާއިން ރާއްޖެއަށް އެތެރެ ކުރާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުން ކޯޓާ އިތުރު ކޮށްދޭން ދިވެހި ސަރުކާރުން އެދުމުން ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތަކުގެ ކޯޓާ އިންޑިއާއިން އިތުރު ކޮށްދީފިއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތި އިންޑިއާ އިން އެކްސްޕޯޓް ކުރަން ކުރިން ދީފައިވާ ކޯޓާ މި އަހަރު އާކޮށްދިން އިރު 5 ޕަސެންޓު އިތުރުކޮށްދީފައިވާ ކަމަށެވެ.
އަދި މިއީ 1981 ވަނަ އަހަރުން ފެށިގެން ހާއްސަ ހުއްދައިގެ ދަށުން އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ އަސާސީ ކާބޯތަކެތި އެކްސްޕޯޓް ކުރަން ފެށި ފަހުން އެންމެ ބޮޑު ކޯޓާއެއް ރާއްޖެއަށް ދިން ފަހަރު ކަމަށްވެސް އިންޑިއާ ހައި ކޮމިޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުންވެސް ހިލަ އާއި ހިލަވެލި އެކްސްޕޯޓް ކުރުމުގެ ކޯޓާ ވެސް އިންޑިއާއިން ވަނީ ބޮޑުކޮށްދީފައެވެ. އެގޮތުން ހިލަ/ހިލަވެލީގެ ކޯޓާ 1 މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައި ވާއިރު ބިސް، އަލުވި، ފިޔާގެ އިތުރުން ކާޑުގެ ބާވަތްތަކާއި (ހަނޑޫ، ހަކުރު، ފުށް) މުގުގެ ކޯޓާ ވަނީ 5 ޕަސެންޓު އިތުރުކޮށްދީފައެވެ.
އިންޑިއާގައި އެފައްދަމުންދާ ފިޔާ އާއި ހަނޑޫ ފަދަ ތަކެތި ބޭރު ކުރުން މިދިޔަ އަހަރު މަނާކޮށްފައި އޮތް ނަމަވެސް އިންޑިއާ އިން ވަނީ ހާއްސަ ހުއްދައެއްގެ ދަށުން ރާއްޖެ އަށް އެ ތަކެތި އެކްސްޕޯޓް ކޮށްފައެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާ އިން ގެންގުޅޭ 'ނެއިބަހުޑް ފަސްޓް' ޕޮލިސީ ގެ ދަށުން ރާއްޖެއަށް މިފަދަ ދާއިރާތަކުން އަބަދުވެސް އެއްބާރުލުން ދޭނެކަމަށް ހައި ކޮމިޝަނުން ބުންޏެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން މަސައްކަތް ފެއްޓެވުމާއެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ. ރާއްޖެއިން އިންޑިއާ އަށް ބަރޯސާވުން ހުއްޓާލުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން އިއުލާންވެސް ކުރައްވާފައެވެ.