ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ފިތުރު އީދަށް ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށް ޒީނަތްތެރިކުރަން ފަށައިފިއެވެ.

އެ ރަށްތައް ޒީނަތްތެރިކުރުމުގައި ކުންފުނިތަކުގެ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ޒީނަތްތެރިކުރުމުގައި އެޗްޑީސީގެ މަސައްކަތް ކުރަމުންދާއިރު އަތޮޅު ތެރޭގެ 18 ރަށެއް ޒީނަތްތެރިކުރަމުން ދަނީ ފެނަކައިންނެވެ.

މިދިޔަ އަޟްހާ އީދާ ދިމާކޮށް މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި މިހާރުގެ ރައީސް ޑރ. މުއިއްޒު ހުންނެވިއިރު ސިޓީ ކައުންސިލުން އިސްނަގައިގެން ވަނީ ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ދިއްލާލާފައެވެ. އަދި ބައެއް ގިޑިގެ ތަކުގެ މަތީގައި "އީދު މުބާރިކް" ޖަހާފައިވެއެވެ.

އީދަށް ރަށްރަށް ޒީނަތްތެރި ކުރަން ދިއްލަނީ / ފޮޓޯ: ފެނަކަ

ވެރިކަމަށް އިންތިހާބުވެވަޑައިގެން ސޯސަލް ސެންޓަރުގައި ފުރަތަމަ ބޭއްވި ޖަލްސާގައި އެކަމަށް އިޝާރާތް ކުރައްވާ މުއިއްޒު ވިދާޅުވީ ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ އިސްލާމީ ވަންތަކަން ދިރުވާ އާލާ ކުރާ މުޖުތަމައު އަކަށް ހަދަން ކޮންމެ މީހަކުވެސް ބޭނުންވާ ކަމަށެވެ. އަދި އެކަން އިހުސާސް ވެވަޑައިގަތީ މާލެ ސިޓީގައި އީދު ދުވަހު ބޮކި ދިއްލާ ތަކުބީރު އިއްވުމުން ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅު ކުރަމުން ދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްޕީތަކާއި އެކިއެކި މީހުންނާ ބައްދަލުވެވަޑައިގަތުމުން ދެއްކި ވާހަކަތަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ދެން އަންނަ ކޮންމެ އީދަކަށް ރާއްޖޭގެ ހުރިހާ ސިޓީތަމާއި ވެރިކަން ކުރާ ރަށްތަކުގައި އެެކަން ކުރައްވާނެ ކަމަށާއި ކެރި ފޯރުންތެރިކަން ހުރި މިންވަރަކުން އެހެން ރަށްތަކުގައި ވެސް އެކަން ކުރައްވާނެ ކަމަށެވެ.