ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ސަރުކާރަށް ބުރަކި ޖައްސާ، ހުރަސްތައް ކުރިމަތި ކުރުވާ މަޖިލީހެއް އަތުވެއްޖެ ނަމަ، ވައުދުތައް ފުއްދައިދީ ނަތީޖާ ނެރުމުގައި މަޑުޖެހުން އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރޭ ޕީޕީއެމް/ޕީއެންސީގެ އޭދަފުށީ ދާއިރާގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ކަންކަން ކޮށްދެއްވުމަށް ބޭނުންވެވަޑައިގަންނަވާތީ ކަމަށާއި އެ ނިޔަތުގައި އެ އަޒުމުގައި އަދިވެސް ހުންނެވި ކަަމަށެވެ. ނަމަވެސް ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވޭނީ އެކަމަށް މަޖިލީހުގެ އެއްބާރުލުން ލިބިގެން ކަމަށާއި ސަރުކާރަށް އެއްބާރުލުން ނުދޭ މަޖިލީހެއް އޮވެއްޖެ ނަމަ އެކަން ވެގެން ދާނީ ނަތީޖާ ނެރެދިނުމުގައި މަޑުޖެހުންތައް އައިސްދާނެ ކަމަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ނަތީޖާ ނެރެގެން ބޭނުންވަނީ ބާރު ސްޕީޑުގައި ކަންކަން ނިންމުމަށް ކަމަށާއި ރިޔާސީ އިންތިހާބުގައި ވެވަޑައިގެން ވައުދުފުޅުތަކަކީ މާލީގޮތުން ކުރެވޭނެ ކަންކަން ކަން އެނގިވަޑައިގަންނަވާތީ ވެވަޑައިގެން ވައުދުފުޅުތަކެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއިން ކޮންމެ ކަމެއް ކޮށްދޭ އިރު ކުރަން ޖެހޭ ބައިވަރު ކަންކަން ހުންނާނެ ކަމަށާއި އޭގޭތެރޭގައި މަޖިލީހުން ފާސްކުރަން ޖެހޭ އެތައް ކަމެއް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މަޖިލީހަކީ ހުއްދަ ނުދޭ ތަނުގައި ހުރަސްތައް ކުރިމަތި ކުރެވޭނެ ތަނެއް ކަމުން މަޖިލީހުގެ މެޖޯރިޓީއަކީ ސްޕީޑުގައި ނަތީޖާ ނެރެދިނުމަށް ވަރަށް ބޭނުންތެރި ތަނެއްގެ ގޮތުގައި މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ރޭ ރައީސް ދެއްކެވި ވާހަކަފުޅުގެ ތެރެއިން އޭދަފުށީ ދާއިރާއަށް ހާއްސަކޮށް ކޮށ ދެއްވާނެ ކަންކަން ވެސް ވަނީ އިއުލާން ކުރައްވާފައެވެ. ތަރައްގީގެ މަސަކްކަތްތަކަށް ބަލާއިރު، އެންމެ ބޭނުން ޖެހިފައިވާ ކަމަަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ޕީޕީއެން/ޕީއެންސީ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ކުރިމަތިލައްވާ ކެންޑިޑޭޓް ސަލީމް (ރެޑްވޭވް ސަލީމް)ގެ އިސްނެންގެވުމާއެކު އެ ރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް ފެށުމަށް ސަރުކާރުން ދޭން ޖެހޭ ހުރިހާ ހުއްދައެއް ދީގެން އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ. މި މަސައްކަތަކީ ސަލީމްގެ ބުރަ މަސައްކަތާ އެކު ކުރިއަށް ދާ ކަމެއް ކަން ފާހަގަ ކުރައްވާ އޭދަފުށީ ދައިރާގެ ރައްޔިތުންގެ އަރިހުން މުއިއްޒު ވަނީ އެ ދާއިރާގެ މަޖިލިސް މެންބަރަކަށް ސަލީމް ހޮވައި ދިނުމަށް އެދިވަޑައިގެންފައެވެ.
މި 1000 ހައުސިން ޔުނިޓް އެޅުމުން އެ ރަށަށާއި އެ ދާއިރާއަށް އަދި އެ އަތޮޅަށް ވެސް ފައިދާ ކުރާނެ ކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު މި މަޝްރޫއާ އެކު އެ ދާއިރާގެ ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށާއި އަދިވެސް އެ ދާއިރާއަށް ފައިދާ ވާނެ އެތައް ވައުދެއް ވެވަޑައިގެންފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ވައުދުތަކެއް ފުއްދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވެވަޑައިގަންނަވާ ކަމަށާއި މަޖިލީހުގެ މެޖޯރިޓީ ހޯދައިދިނުމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށް ރައީސް ގޮވާލެއްވިއެވެ.