ވޭތުވެދިޔަ 4 މަސް ތެރޭގައި މަޖިލީސް މެދުވެރިކޮށް ސަރުކާރަށް ހުރަސް އެޅި ބަޔަކަށް ކުރިއަށް އޮތް 5 އަހަރަށް މަޖިލީހުގެ ގޮނޑިތައް ދިނުމަކީ މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތި ވުން ކަހަލަ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާފަންނު ދެކުނު ދާއިރާއިގައި މިރޭ ބޭއްވި ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ، ކުރިއަށް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ އަތް މައްޗަށް މަޖިލީހުގެ ސުޕަމެޖޯރީޓީ ގޮސްފި ނަމަ، އެއީ މާލޭގެ ރައްޔިތުން އަމިއްލަ އަށް މަގުމަތިވާނެ ވަރުގެ ކަމެއް ގޮތުގައި ފެނިވަޑައިގަންނަވާ ކަމަށެވެ.

އެއީ މި ސަރުކާރުގެ ފުރަތަމަ ހަތަރު މަސް ދުވަސް ތެރޭގައި ވެސް މަޖިލީހުން ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިކޮށްފައި ކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރު ވެސް އެ ބޭފުޅުންނަށް މަޖިލިސް ލިބިއްޖިއްޔާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގައި ހުރަސްތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"މި ދާއިރާގައި އެބަހުރި އެތައް ގެއެއް. އަޅުގަނޑަށް ވަދެވިފަ ހުރި ގެތައް ގިނަ ވާނީ. ވަރަށް ހާލުގައި އުޅޭ ރައްޔިތުން އެބަ ތިބި. ހާލުގައި އުޅޭ ރައްޔިތުންނަށް ބޭނުންވެފައިވާ ގޯތިގެދޮރުގެ މައްސަލަ ހައްލު ކުރަން ސަރުކާރުން ނަގަން ޖެހޭ ލޯންތައް ހުންނާނެ. ސީދާ ޕީއެސްއައިޕީ މަޝްރޫއުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ހުންނާނެ. ގާނޫނުތައް ފާސްކުރަންޖެހޭ ކަންކަން އެބަހުރި. އެހެންވީމަ މިހެން ގޮސް މަޖިލީހުގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ކަމެއް ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަކީ"
ޑރ. މުހައްމަދު މުއިއްޒު

މުޅި މާލެ ސިޓީއަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުގެ އަޒުމްގައި ހުންނެވި ކަަމަށާއި، އެ މަސައްކަތް ކުރުމަށް އެންމެ ބޮޑަށް ބޭނުންވަނީ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކުރުން ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ގޮތުން މާލެއަށް ދިމާވެފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ފުރަތަމަ ހައްލުކުރަން ބޭނުންވާ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަަމަށާއި އެއަށް ފަހު، މަގުތައް ހެދުމާއި، ޕާކިން މައްސަލައާއި އެހެނިހެން އިޖްތިމާއީ މައްސަލަތައް ހައްލު ކޮށް ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ކުރަން ހުރި ކަންކަން ބައިވަރު ނަަމަވެސް އެކަން ކަން ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލިބިގެން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ނިމިދިޔަ 5 އަހަރު ދިޔައީ އޭރުގެ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބި މާލެއަށް އެއްވެސް ކަމެއް ނުވެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެ ފަސް އަހަރު ތެރޭ މާލެއަށް ކަމެއް ކޮށްދީފައި ވާނީ އެމަނިކުފާނު މޭޔަރު ކަމުގެ މަގާމުގައި ހުރެގެން ސަރުކާރުގެ އެއްބާރުލުން ނުލިބި ކުރި ކަންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލެ ސަރަހައްދު ތަރައްގީ ކުރަން ކުރީ ސަރުކާރަށް ލިބުނު ރަނުގެ ފުރުސަތު އެ ސަރުކާރުން ދޫކޮށްލީ ކަމަށާއި އަދި ރިޔާސީ އިންތިހާބު ބޯމަތިވުމުން މާލެ ކައިރިން ފަޅެއް ނަގާފައި އެއްވެސް ބެލުމެއް ނެތި އެތަނުން ގޯތިތަކެއް ދިނަކަސް އެއީ ރައްޔިތުންނަށް ހެޔޮ އެދިގެން ކުރި ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެގޮތަށް އެ ސަރުކާރުން ކަން ކުރީމަ ބަދަލަކަށް އެދި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދެއްވަން ޖެހުނީ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އަދި ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވީ ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ވެސް މަޖިލީހުގެ ދައުރު ވަރަށް މުހިއްމު ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ. އެގޮތުން ނަގަންޖެހޭ ލޯން ނެގުމާއި، ޕީއެސްއައިޕީ ޕްރޮޖެކްޓްސްތައް ހިންގުމާއި ގާނޫނުތައް ފާސްކުރުމަށް މަޖިލީހުގެ އެއްބާރުލުން ނުލިބި ނަތީޖާ ނެރެން ފަސޭހަ ނުވާނެ ކަަމަށް މުއިއްޒު ވިދާޅުވިއެވެ.

މުޅި މާލެ ސިޓީގެ ތަރައްގީއަށްޓަކައި ޕީޕީއެމް/ ޕީއެންސީން ރައްޔިތުން މަޖިލީހަށް ކުރިމަތިލާފައިވާ 17 ކެންޑިޑޭޓުން ހޮވައި ދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. އިންތިހާބަށް ބާކީ އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި މި ރޫހާއި ޖޯޝުގައި މަސައްކަތް ކޮށްގެން ސަރުކާރުން ހިންގާ ކަންކަމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން ހޮވުމަށް މުއިއްޒު ވަނީ ގޮވާލައްވާފައެވެ.