ފުވައްމުލަކުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެއްގެ އަތުން ފޭރުނު މައްސަލައިގެ ތަހުގީގަށް ދެ މީހަކު ހައްޔަރުކޮށް، ފޭރުނު ތަކެތި ފުލުހުން ހޯދައިފިއެވެ.

'އެކްސް'ގައި ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިންޓެންޑެންޓު އަހްމަދު ޝިފާން މިރޭ ކުރެއްވި ޕޯސްޓުގައި މިކަން ކަށަވަރުކުރެއްވި ނަމަވެސް، ހައްޔަރުކުރި ދެ މީހުންނަށް ބަންދުގެ މުއްދަތު ޖެހިކަން ހާމައެއް ނުކުރައްވައެވެ.

އެ ހާދިސާ ހިނގިގޮތް ފަތުރުވެރިޔާ ކިޔައިދޭ ވީޑިއޯ އެއް ސޯޝަލް މީޑިއާގައި ދައުރުވިއެވެ. އެ ވީޑިއޯގައި ފަތުރުވެރިޔާ ބުނީ, ޑްރޯން އަރުވަން ހުއްޓައި 15 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖަކު އޭނާގެ ގާތަށް އައިސް ޑްރޯނާ ބެހޭ ގޮތުން ސުވާލުކުރި ކަމަށެވެ.

އެއަށް ފަހު އޭނާ އެރުނީ މޫދަށް ކަމަށާއި، މޫދަށް އޭނާ އެރި އޮތް ވަގުތު ބެލުމަށް ފަހު ފިލައިގެން ތިބި ބަޔަކު ނުކުމެ ދަބަހާއި ޑްރޯން ގެންދިޔައީ ކަމަށް، އޭނާ ކިޔައިދިނެވެ.

"އޭގައި 200 ޑޮލަރާއި 150 ޑޮލަރަށްވާ ރުފިޔާ ހުންނާނެ, ލާރި ގެއްލުނަސް އަހަރެންގެ ތަކެތި އަހަރެން ބޭނުން, ހުރިހާ އެއްޗެއް ގެއްލުނީ،" އޭނާ ކިޔައިދެމުން ދިޔައެވެ.

އެ ފަތުރުވެރިޔާ ބުނި ގޮތުގައި، އޭނާގެ ދަބަހުގެ ތެރޭގައި މުހިންމު ލިޔެކިޔުންތައް ވެސް ހުންނާނެއެވެ.