ހުޅުމާލެ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދިޔަ ގައިދީއަކު، ރޭގެ ވަގުތެއްގައި މަރުވެއްޖެއެވެ.

ރޭ ނެރުނު ބަޔާނެއްގައި ކަރެކްޝަނުން ބުނީ، ހުޅުމާލެ ޖަލުގައި ތިން އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ، އަހްމަދު އިޖާޒް، ވިންޑްމާގެ / ރ. މަޑުއްވަރީ (44 އަހަރު) ރޭ މަރުވެފައިވާ ކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރިކަން ސާބިތުވެ، ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރުމަށްޓަކައި ހުޅުމާލެ ޖަލަށް އިޖާޒް ގެންދިޔައީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުގައެވެ.

އިޖާޒްގެ ހާލަތު ތަފްސީލު ކޮށްދެމުން ކަރެކްޝަންސްގެ ބަޔާނުގައި އިތުރަށް ބުނީ:

  • އިޖާޒަށް ނޭވާލާން އުނދަގޫވެގެން ހުޅުމާލެ ހޮސްޕިޓަލަށް މިދިޔަ މަހުގެ އަށްވަނަ ދުވަހު ގެންދިއުމުން، އީއާރުގައި އެޑްމިޓުކޮށްގެން އޭނާ އަށް ފަރުވާދިން ކަމަށް
  • އޭނާގެ ހުރީ ޓީބީ ކަމަށާއި، ބަލީގެ ހާލަތު ދެރަކަމުން އެޑްމިޓްކުރިތާ އެއް ދުވަސް ފަހުން އައިސީޔޫގައި ފަރުވާ ދޭން ފެށި ކަމަށާއި، ހާލަތު އިތުރަށް ގޯސްވުމުން ފަހުން ފަރުވާ ދިނީ ވެންޓިލޭޓަރުގައި ކަމަށް

އިޖާޒް މަރުވި ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ކަނޑައަޅާފައި ވަނީ ރޭ 11:30 ހާއިރު ކަމަށް ވެސް ކަރެކްޝަނުން މައުލޫމާތު ދެއެވެ.

އިޖާޒް މަރުވުމާ ގުޅިގެން އޭނާގެ އާއިލާއަށާއި ކަމާބެހޭ މުއައްސަސާތަކަށް އެކަން އަންގާފައި ވާނެ ކަމަށް ވެސް، ކަރެކްޝަނުން ބުންޏެވެ.