ދިރިއުޅުމަށް ނޫން އެހެން ބޭނުންތަކަށް، ބީލަމަށް އިއުލާން ނުކޮށް ރަށްރަށުން ބިން ދޫކުރެވޭނެ ބޭނުންތައް ބަޔާންކޮށް ބިން ދޫކުރުމާއި ރަޖިސްޓްރީ ކުރުމުގެ ގަވާއިދެއް ހައުސިން މިނިސްޓްރީން އާންމުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން އާންމުކުރި ގަވައިދުގައި ބީލަމުގެ އުސޫލުން ބިން ދޫކުރާނެ އުސޫލުތަކާ، ބީލަމަކާ ނުލާ އާންމު އިއުލާނަކުން ބިން ދޫކުރާނެ އުސޫލުތަކުގެ އިތުރުން އިއުލާން ނުކޮށް ބިން ދޫކުރާނެ ބޭނުންތައް ހިމަނާފައިވެއެވެ. ހައުސިން މިނިސްޓްރީގެ ގަވައިދުގައި ވާ ގޮތުން ފަސް ބޭނުމަކަށް ބިން ދޫކުރެވިދާނެއެވެ. އެއީ ކުއްޔަށް ދިނުން، ވިއްކުން، ވަގުތީ ގޮތުން ބެލެހެއްޓުމަށް ދިނުން، ދައުލަތުގެ ވުޒާރާތަކާ އިދާރާތަކުގެ ބޭނުންތަކަށް ދޫކުރުމުގެ އިތުރުން ކުއްޔަކާ ނުލާ ދިނުމެވެ.

މި ގަވާއިދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކަނޑައަޅުއްވާ، ކައުންސިލްތަކުގެ އިހުތިސޯސްގައި ހިމެނޭ ރަށަކުން ބިން ދޫކުރާނީ އެ ރަށެއް ހިމެނޭ ކައުންސިލަކުން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އެ ނޫން ބިންތައް ދޫކުރާނީ މިނިސްޓްރީން ކަމަށް ގަވާއިދުގައިވެއެވެ.

ބީލަމުގެ އުސޫލުން ބިން ދޫކުރަން އިއުލާންކުރާއިރު ހިމަނަންޖެހޭ ކަންތައްތަކަކީ

- ބިން އޮތް ތަން، ބިމުގެ ބޮޑުމިން، ބިމުގެ ބާވަތް، އަދި ބިން ދޫކުރާ ބޭނުމުގެ މައުލޫމާތު

- ބިން ލިބޭ ފަރާތް ކަނޑައަޅަން، ޕޮއިންޓް ދިނުމުގައި އަމަލު ކުރާނެ ގޮތް

- ބިންތައް ކުއްޔަށް ދޫކުރާ މުއްދަތު

- ހުށަހެޅޭނެ އެންމެ ކުޑަ ކުލި ނުވަތަ ބިން ވިއްކުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގު

- ބިން ހޯދުމަށް ހުށަހަޅާ ފަރާތުގައި ޝަރުތުތަކެއް ހުންނަން ޖެހޭނަމަ އެ ޝަރުތުތައް

- ފޯމު ހުށަހަޅަންޖެހޭ މުއްދަތު

އާންމުކޮށް އިއުލާން ނުކޮށް ބިން ދޫކުރެވޭނެ ބޭނުންތަކަކީ:

- ދައުލަތުގެ ވުޒާރާތައް އަދި އިދާރާތަކަށް ދޫކުރުން

- އާންމު އިޖުތިމާއީ ބޭނުމަށް ދޫކުރުން

- އާންމު ހިދުމަތްތަކަށް ބިން ދޫކުރުން

- ބޭރު ގައުމެއްގެ ޑިޕްލޮމެޓިކް މިޝަން އަދި ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ބޭނުމަކަށް

- އޮޑިވަޅު ބިން

މީގެ އިތުރުން މިނިސްޓްރީން އާންމު ކުރި ގަވައިދުގައިވަނީ އިއުލާނަކުން ބިން ދޫކުރެވެން ވާނެ ބޭނުންތައް ބީލަން އުސޫލަށް ނުފެތޭ ގޮތަށް އާންމު އިއުލާނަކުން ބިން ދޫކުރެވޭނެ ބޭނުންތަކާ މުއްދަތުވެސް ބަޔާންކޮށްފައެވެ.

- މަސް ކަނޑާ ކައްކައި ހިއްކުން ފަދަ މަސައްކަތަށް - ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް

- ޖަނަވާރު ގެންގުޅެން - ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް

- ދަނޑުވެރިކަމުގެ މަސައްކަތަށް - ތިން އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް

- ގާޑިޔާ ވިޔަފާރި ހިންގަން - އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް

- ސާފުކޮށް ބެލެހެއްޓުމަށް - އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް