އަމިއްލަ ޖަމާއަތްތަކުގެ ހަވާލުގައި އުމްރާއަށް ދާ ފަރާތްތަކުން، އެ ޖަމާއަތަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާއަތްތަކެއްތޯ ކަށަވަރު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސް ކުރައްވައިފިއެވެ.

މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ ދީފައިވާ ފަރާތްތަކުގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓާއި ގެޒެޓުގައިވެސް ޝާއިއު ކޮށްފައިވާ ކަމަށެވެ.

އުމްރާއަށް ދާ ޖަމާއަތުގައި ހުއްދަ އޮތްތޯ ބަލަން ޝަހީމް މިވަގުތު އެދިވަޑައިގަތީ ވަކި ޖަމާއަތަކާ ގުޅޭގޮތުން މައްސަލައެއް ފެންމަތިވެގެން ކަމެއް ސާފެއް ނުނެއެވެ.

މިނިސްޓަރު ޝަހީމް މިހެން ވިދާޅުވެފައި ވާއިރު، ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދިއުމަށް ދެ ކުންފުންޏަކުން ފައިސާ ނެގި މައްސަލައެއް ވަނީ ދާދި ފަހުން ފެންމަތިވެފައެވެ.

މި މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް އައުމާ ގުޅިގެން އޭރު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެއަހަރުގެ މުއްދަތަށް ކަމަށެވެ. އެހެންކަމުން ހުއްދަނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އުސޫލާ ހިލާފުކަމެއް ކަމުގައި މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައިވާ ގޮތުން ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް 50 ކުންފުންޏަކަށް ވަނީ ހުއްދަދީފައެވެ. އޭގެ ތެރެއިން 4 ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ހަމަވާއިރު، 03 ކުންފުންޏެއްގެ ހުއްދަ މި އަހަރުގެ އޮގަސްޓުމަހަށް ހަމަވާނެއެވެ.