ފަލަސްތީނުގެ ގާޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ރައްޖޭގެ މުހްޔިއްދީން ސްކޫލްގެ ދަރިވަރުން ފައިސާގެ އެހީއެއް ހަވާލު ކޮށްފިއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ހަވާލު ކުރި ފައިސާގެ އަދަދަކީ 50،000 ރުފިޔާއެވެ.

އެ ސްކޫލުގެ ދަރިވަރުން މީގެކުރިންވެސް ގާޒާއަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު މިކަން ފާހަގަކޮށް އައިއޭސީ އިން ބުނީ ސްކޫލް ތަކުގެ ދަރިވަރުން އިސްނަގައިގެން ކުރާ މިފަދަ ކަންކަން އަބަދުވެސް ވަރަށް އުފަލާއެކު ބަލައިގަންނަކަމަށެވެ. އަދި ސްކޫލު ދައުރަކީ ކުދިންގެ ހިތްތަކުގައި އިންސާނީ އެހީ ފޯރުކޮށްދިނުމާ، އިންސާނިއްޔަތަށް ލޯބިޖެއްސުމަށްޓަކައި އެންމެ މުހިންމު މަރުހަލާ ކަމުގައި އައިއޭސީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އައިއޭސީ އިން ވަނީ ޓީޗަރުންނާއި ބެލެނިވެރިންގެ އެއްބާރުން ކުދިން ކުރާ މިކަހަލަ މަސައްކަތްތަކުގައި ލިބުމަކީ އެކުދިންނަށް މިފަދަ މަސައްކަތްތަށް އިތުރަށް ކުރަން ލިބޭނެ ހިތްވަރެއްކަން ފާހަގަ ކޮށްފައެވެ.

އައިއޭސީ މެދުވެރިކޮށް މުހްޔިއްދީން ސްކޫލުން ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނައިރު އައިއޭސީ އިން ވަނީ މި ރަމަޟާން މަހު ގާޒާގެ އެކި ހިސާބުތަކުގައި އުޅޭ ރައްޔިތުންނަށްވެސް ދިވެހީންގެ އެހީގައި އިފްތާރް ޕެކޭޖްތައް ފޯރުކޮށްދީފައެވެ.