މި ފަސް އަހަރު ތެރޭގައި ސިފައިންނަށް ގެދޮރުވެރިކަން ޔަގީންކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށް ވޭތުވެދިޔަ ދުވަސްތަކުގައި އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުންގެންދާ ކަމަށެވެ.

އަދި، ސިފައިންގެ ގާބިލުކަން ވަރުގަދަކޮށް ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އަލިއަޅުއްވާލާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސިފައިންނަށް ވެސް ބޭނުންވާނެ އެންމެ އަސާސީ ކަންތައް ހުންނާނެ ކަަމަށެވެ. އެހެންކަމުން ކުރިއަށްއޮތް ތަނުގައި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ އެކިއެކި ސްކީމްތަކުގެ ތެރޭގައި، ގެދޮރުވެރިކަމަށް ބޭނުން ޖެހިފައިވާ ސިފައިންނަށް ހާއްސަކޮށް އެކަށީގެންވާ އަދަދަކަށް، މި ފަސް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަން ޔަގީން ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރާ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ މައިގަނޑު އަސާސްކަމުގައި ވާންވާނީ މާތްވެގެންވާ އިސްލާމްދީނުގެ އަގީދާގެ މަތީގައި ދެމިތިބެ، އިސްލާމްދީން ހިމާޔަތްކޮށް ބަލަހައްޓާ، ފަހުރުވެރިކަމާ އެކީގައި އެ ދީން ދެމެހެއްޓުމަށް ޓަކައި މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.

ރޭ ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދިޔަ ހާއްސަ ޖަލްސާ / ފޮޓޯ: އެމްއެންޑީއެފް

އަދި ކާމިޔާބީގެ އަސްލަކަށް ވާންވީ، އަދި ވާނީވެސް، ވެފައި އޮތީވެސް އިސްލާމްދީނަށް ނަސްރުދިނުންކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ދިވެހި ގައުމަށް ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާލަތެއްގައި ވެސް، ގައުމު ސަލާމަތްކުރި ކޮންމެ އަބްތާލަކު އެ ކުރެއްވި ޖިހާދުގައި ވެސް މައިގަނޑު އަސާސްއަކަށް ހެއްދެވީ، އިސްލާމްދީން ނަގަހައްޓައި، ކުރިއަށް ގެންދިޔުން ކަމަށާއި، މިއީ ކޮންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ދިވެހި އަސްކަރިއްޔާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާ ދެެއްވުމަކީ އެމަނިކުފާނުގެ އެންމެ އިސްކަމެއްގެ ގޮތުގައި ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަވަނަވެފައިވާ ދުނިޔޭގައި މިހާރު ހިނގަމުންދާ ނޭދެވޭ ހުރިހާ އޮއިވަރުތަކުން ގައުމު ސަލާމަތްކޮށް، ކުރިއަށްއޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާއިރު، ކަނޑިއާއިބަޑިއަށް ވުރެ މާނުރައްކާތެރި ހާލަތެއް ނުވަތަ ފިކުރީ ހަނގުރާމައެއް ކުރިމަތިވެފައިވާ ކަމަށާއި އެއިން ކޮންމެ ކަމެއްގައި ވެސް، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް، ޒަމާނަށް އަންނަ ބަދަލާއެކުގައި، ކޮންމެ ސިފައިންގެ މީހަކީ ވެސް ޒަމާނާ އެއްގޮތަށް މިކަމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއްކޮށް، މި ޖީލު ސަލާމަތްކުރުމަށް ޓަކައި، ޒަމާނާ ގުޅޭގޮތުން ކަންތައްތައް ކުރުމަށް ތައްޔާރުވެފައި ތިބި ބަޔަަކަށް ވާން ޖެހޭ ކަމަށް ވިދާޅުވިއެވެ.