ޗައިނާގެ ހިލޭ އެހީގައި މާލޭގެ ހުރިހާ މަގެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މައްޗައްގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޟަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މާލޭ ސިޓީގެ މަގުތައް ހަދަން ޖެހޭކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމަށް ކުރިއަށް ގެންދިޔަ މަޝްރޫއު ހުއްޓާލީ މާލެ ސިޓީ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އެމަނިކުފާނު މޭޔަރު ކަމަށް ހޮވިވަޑައިގަތުމާއެކު 400 މިލިއަން ރުފިޔާގެ ބަޖެޓެއްގައި ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ބަޖެޓު ހިފަހައްޓާ މަޝްރޫއު ކެންސަލްކޮށްލިކަން އެނގިވަޑައިގަތީ ނޫސްތަކުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ޗައިނާ ސަރުކާރުން މާލޭގެ މަގުތަށް ހެދުމަށް ހިލޭ އެހީ ދޭން ނިންމާފައިވާ ކަމަށާއި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޗައިނާގެ ކަމާ ބެހޭ ޓީމް ރާއްޖެ އައިސްފައިވާ ކަމަށާއި މި ކަމާ ގުޅުންހުރި ފަންނީ މަސައްކަތްތައްކޮށް ނިމުމުން މަސައްކަތުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި މަގުތައް ހަދާ ނިމޭއިރު މަގުތަކުގައި ހުރި ހުރިހާ މައްސަލައެއް ހައްލުވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕާކިން މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

ޗައިނާއިން ވަނީ ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ދީފައެވެ. އަދި އޭގެ ބޮޑުބައި ހޭދަ ކުރަނީ މާލޭގެ މަގުތައް ތަރައްގީ ކުރަން ކަމަށް މީގެ ކުރިން ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.