ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އޭޑީކޭ އައިސީޔޫގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީސް ވަގުތުގައެވެ. އެ އެކްސިޑެންޓުގައި ރޭސް ޖަހަން އުޅުނު ސައިކަލަކުން ޖެހި އަނިޔާވެފައި ވަނީ ހުޅުމާލެ ރަޝީދު މިސްކިތުން ތަރާވިހު ނަމާދު ކޮށްގެން ފައިބައިގެން ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން އަންނައިރު އެ މީހާގެ ބޯ 5 އިންޗިއަށް ވުރެ ވެސް ބޮޑަށް ފަޅައިގެން ގޮސްފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާގެ ސިކުނޑިއަށް ލޭ އެޅިފައި ވާއިރު ފުއްޕާމެޔަށް ވެސް ގެއްލުން ލިބިފައި ވާކަމުގެ ރިޕޯޓުތައް ލިބެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާގެ ބަންދަށް ކޯޓުން 5 ދުވަސް ދީފައިވާ ކަމަށެވެ. މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިހު 5:00 ހާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް މަގު ހުރަސްކުރި މީހެއްގައި ގައިގާ ޖެހި ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖެއިން ބޭރުގައިވެސް ފަރުވާ ދީފައި ވެއެވެ. އެ މައްސަލައާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ވަނީ 2 އަހަރަށް ޖަލަށް ލާފައެވެ.