ލޯނު ދޫކުރުން ހުއްޓާލާފައިވާ ނުވާކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ބުނެފިއެވެ.

އެސްޑީއެފްސީ އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދޫކުރަމުން އައި ލޯނު ހުއްޓާލިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނީ އެ ކުންފުނިން ލޯނު ދޫކުރުން ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ބުނެ ފަތުރަމުން ދަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.

އެސްޑީއެފްސީ އިން މިހާރުވެސް ދޫކުރަމުން އަންނަ ލޯނުތަކުގެ ތަފްސީލު ހާމަކޮށް އެ ކުންފުނިން ބުނީ މިހާރުވެސް މަސްވެރިކަމާއި ގުޅުން ހުރި ދާއިރާތަކަށް ދޫކުރާ "ކަނޑުފަޅު ނަފާ"، ލޯނުގެ ދަށުން ފަރުމަހުގެ މަސްވެރިކަމަށް ހާއްސަ ކެޓެގަރީއެއް އިތުރު ކުރެވިފައިވާކަމަށެވެ. އަދި "ދަނޑުވެރި ނަފާ" ލޯނު ޕްރޮޑަކްޓް އަދި އަންހެނުން ޝާމިލްވާ ވިޔަފާރިތަަކަށް "ފަަށާ މަދަދު"ގެ ލޯނު ޕްރޮޑަކްޓްގެ ދަށުން މިހާރުވެސް ލޯނަށް އެެދި ހުށަހެޅޭނެ ކަަމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި ދާއިރާތަކުން ކަނޑައެޅިފައިވާ ލޯނުތަަކަށް، އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ކުންފުނިން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް އެކި ދާއިރާތަކުން ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައި އެ ކުންފުނިން ދޫކުރާ ލޯނުތައް ހުއްޓާލާފައިވާ ކަމަށް ބުނެ ހަގީގަތާއި ހިލާފު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކޮށްފައެވެ.